ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދަބަހެއް ހިއްޕަވައިގެން ވަޑައިގެންނެވި މައްސަލައިގައި އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން، އެ ދަބަހުގެ ހަގީގަތް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ހާމަކުރައްވައިފިއެވެ.

ނޫސް މީޑިއާއަކުން އާންމުކުރި ވީޑިއޯއެއްގައި، ޑރ. މުއްޠަލިބު ކަޅު ކުލައިގެ ދަބަހެއް ހިއްޕަވައިގެން މަޖިލީހަށް ވަޑައިގަންނަވާ މަންޒަރު ފެނުމާ ގުޅިގެން، އެ ދަބަހަކީ ފައިސާ އަޅާފައިވާ ދަބަހެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ އެކި ތުހުމަތުތައް ކޮށްފައެވެ.

Ad
rt

އެ ތުހުމަތުތައް ކުރެވެމުން ދަނިކޮށް އެކަން ސާފުކޮށްދެއްވުމުގެ ގޮތުން މީސްމީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި މިނިސްޓަރު ވިދާޅުވީ، އިއްޔެ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެޓަރނީ ޖެނެރަލްއާއެކު ވަޑައިގެންނެވީ މަޖިލިސް މެންބަރުންތަކެއްގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އެއީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެންބަރުން ސާފުކުރައްވަން ބޭނުންފުޅުވި ބައެއް ކަންކަން ސާފުކޮށްދެއްވުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބައްދަލުވުމަށް ދަބަސް ހިއްޕަވައިގެން ވަޑައިގަންނަވަން ޖެހުނު ސަބަބު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މަޖިލީހުގައި ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއާއި އެމަނިކުފާނު އާރަށުން ފުޓުބޯޅަ ކުޅުއްވައިގެން މާލެ ވަޑައިގެންނެވި ގަޑިއާ ދިމާވި ކަމަށެވެ. އެހެންކަމުން، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް ވަޑައިގަތީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވިއިރު، އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނަރުން ސްކޭން ވެސް ކުރެއްވި ކަމަށް މުއްޠަލިބް ފާހަގަކުރެއްވިއެވެ. އަދި މެންބަރުންނާއެކު އޮތް ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން އެމަނިކުފާނު ނިކުމެވަޑައިގެންނެވީ ވެސް އެ ދަބަސް ކޮނޑުގައި އަޅުއްވައިގެން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ހުންނަ ގޮތް ތަފުސީލުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަވާ، ސީސީޓީވީ ކެމެރާއާއި، ދަބަސް ސްކޭނަރު އަދި ބޮޑީ ސްކޭނަރު ވެސް ބެހެއްޓިފައި ހުންނަ ތަނެއް ކަމަށެވެ.

އަދި ދައުލަތުގެ ވަޒީރުންނަށް ވެސް އެ އިދާރާއަށް ވަދެވަޑައިގެންނެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުއްވައިގެން ކުރިން ހުއްދަ ހޯއްދަވައިގެން ކަމަށް ޑރ. މުއްޠަލިބް ވިދާޅުވިއެވެ. އެހެންކަމުން، އިއްޔެ ރޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް އެމަނިކުފާނު ވަޑައިގެންނެވީ ވެސް އެ ހުރިހާ ސެކިއުރިޓީ ކަންކަން ފުރިހަމަކުރައްވައިގެން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.