ދިވެހިންގެ މެދުގައި ނެތެމުންދާ ރީތި އާދަތައް ދިރުވައި، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ ސިފަ މުޖުތަމަޢުގައި އަށަގެންނެވުމަށްޓަކައި ކުރިއަށްގެންދާ ޤައުމީ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި މަޝްރޫޢު ރައީސް އިފްތިތާޙުކޮށްދެއްވީ މިކަމަށްޓަކައި މާފަންނު ޓްރެކް ސަރަޙައްދުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
މި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރާ އަދި އެކަކު އަނެކެއްގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ. އަދި ދިވެހިންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ޙަޤީޤީ ރޫޙަކީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި ޤަދަރުކުރުންކަން އަބަދުވެސް ހަނދާންކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޙްތިރާމް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިޙްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައް ކުރުމެއް ކަމަށެވެ. އަދި އެ މުޑުވަކުން ފަޅައިގެން އަންނަ ގަސްތަކުގެ ހިޔާވަހިކަމަކީ މުޅި މުޖުތަމަޢަށް އިންތިހާއަށް ބޭނުންތެރި އެއްޗެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިޙްތިރާމު ކުރުމުގެ މައުޟޫޢަކީ އިންސާނާގެ މުޅި ޙަޔާތާ ގުޅިފައިވާ ކަމެއްކަން ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ކޮންމެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގައްޔާއި، އޮފީސްތަކާއި މަދަރުސާތައް ފަދަ އެންމެހާ ތަންތާނގެ އުފަލަކީ އަދި ހިތްތަކަށް ލިބޭ ތަސައްލީއަކީ އިޙްތިރާމުކުރުން ކަމުގައި ހަދަންޖެހޭ ކަމަށެވެ. މީގެއިތުރުން، ގެދޮރުގައްޔާއި ޢާއިލާތަކުގެ ތެރޭގައި އިޙްތިރާމު ދެމެހެއްޓުމަށާއި، އެއްބަނޑުއެއްބަފާ ކަމާއި ރައްޓެހި ރަޙްމަތްތެރިކަމުގެ ގުޅުންތަކުގައިވެސް އިޙްތިރާމުކުރުން ދަމަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ޤައުމުގެ ޞުލްޙަ މަސަލަސްކަމަށް އިޙްތިރާމްކުރަން ޖެހޭކަމަށާއި، ޤައުމަށް ލިބިފައިވާ ރީތި ނަމާއި ޤަދަރަށް އިޙްތިރާމުކުރަން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންގެ ސިކުނޑިތައް އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އައު އުދަރެހަކަށް އުފުލައިލުމަށް ގޮވާލައްވަމުން، ދިވެހި މުޖުތަމަޢަކީ އިންސާނީ ކަރާމާތް ނަގަހައްޓާ، ޤައުމީ ތަރިކަތައް ދަމަހައްޓާ، އަދި ދިވެހި ޤައުމިއްޔަތާއި ދިވެހިވަންތަކަމަށް ފަޚުރުވެރިވާ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުމަށްވެސް ރައީސް ވަނީ ގޮވާލައްވާފައެވެ.
ދިވެހިންގެ މެދުގައި ނެތެމުންދާ މިފަދަ ރީތި އާދަތަކާއި، ޚާއްޞަކޮށް އިޙްތިރާމު ކުރުމުގެ ސިފަ މުޖުތަމަޢުގައި އަލުން އަށަގެންނެވުމަށްޓަކައި ޤައުމީ ފެންވަރުގެ ކެމްޕޭނެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، ދިވެހިންގެ އަމިއްލަވަންތަކަމާއި އައިޑެންޓިޓީ ހިފެހެއްޓެވުމަށް އެމަނިކުފާނު ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!