މާލެއިން މީހަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، އާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.
ފުލުހުން ބުނިި ގޮތުގައި، 2026 ނޮވެމްބަރު 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތުން ފެށިގެން އާދަމް އިކްރާމްގެ އެއްވެސް ޚަބަރެއް އޭނާގެ އާއިލާއަށް ވެފައެއް ނުވެއެވެ.
އޭނާގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 2026 ނޮވެމްބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
އާދަމް އިކްރާމް ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައިނުވާތީ، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންނާ ހިއްސާކުރުމަށް ވަނީ އެދިފައެވެ. އެގޮތުން ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެ އިދާރާއިން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!