ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަ މަޝްރޫޢެއްގެ މަސައްކަތް ރަސްމީކޮށް ޙަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ހއ. އުލިގަން، ބ. މާޅޮސް، ރ. އިންނަމާދޫ އަދި ރ. ކިނޮޅޮހުގައެވެ. މި ހަ ރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ އެ ކުންފުންޏާ މި މަޝްރޫޢުތައް ރަސްމީކޮށް ޙަވާލުކޮށްފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

Ad
rt

އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ޢަލީ ފާރިސް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢާއިޝަތު މުޒްނާ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ނާޡިރެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އިން ބުނީ، މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފުރިހަމަކޮށްދިނުމެވެ. އަދި އެ ރަށްރަށުގައި މިހާރު ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ވެސް މީގެ ބޭނުމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން މި ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ލިބެމުންދާނެ އިންތިޒާމު ހަމަޖެއްސުމަކީ ވެސް މި އެއްބަސްވުންތަކުގެ މުހިންމު ބޭނުމެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.