ށ. ޅައިމަގަށް އެރި ނަގޫރޯޅީގެ ސަބަބުން އެ ރަށުގެ އެކި ސަރަޙައްދުތަކަށް ލިބުނު ގެއްލުންތައް ފިލުވައި، ގެއްލުންވި ގޭގެއާއި މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ރަށުތެރެ ސާފުކުރުމުގައްޔާއި ގެއްލުން ލިބުނު ގޭބިސީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޅައިމަގުގެ ކުދިބޮޑު އެންމެންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ފުރިހަމަ، ލާމަސީލު ނަމޫނާއެކެވެ.
ޅައިމަގު ކައުންސިލްގެ ނައިބް ރައީސް އާދަމް ޢަޒުމް "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު ގޭގެއާއި މަގުތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ އެ ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ކަމަށެވެ. މި ހާދިސާގެ ތެރޭގައި ވައިގަދަވެ ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި، މީހެއްގެ ބޯ ފަޅައިގެން ގޮސް އަނިޔާވެފައިވެއެވެ.
ކައުންސިލްގެ ނައިބް ރައީސް ވިދާޅުވި ގޮތުގައި، އެ ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
މީގެ އިތުރުން، މި ނަގޫރޯޅީގެ ސަބަބުން އެ ރަށުގެ ބައެއް ގެތަކަށާއި ގުދަންތަކުގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް ގެއަކަށް ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައި ނުވާކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!