މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުން ހުސާމް ހަސަން ހޮނިހިރު ދުވަހު ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކުރީ ގައުމީ ޓީމުގެ ރީތި ނަމަށާއި އަގަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެއެވެ.
އެގައުމުގެ ފުޓްބޯޅަ އިދާރާ ކަމަށްވާ އިޖިޕްޝަން ފުޓްބޯލް އެސޯސިއޭޝަން (އީއެފްއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ޓީމުގެ ހަމަޖެހުން ދެމެހެއްޓުމަކީ އެންމެ އިސްކަންދޭންޖެހޭ އަދި އެއްވެސް ދޫދިނުމެއް ދެވެން ނެތް ކަމެއް ކަމަށެވެ. ނަމަވެސް އެ ނިންމުމާ ގުޅޭ އިތުރު ތަފުސީލެއް އެ އިދާރާއިން ހާމައެއް ނުކުރެއެވެ.
މިސްރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ހުސާމް މަގާމުން ވަކިކުރަން ނިންމި މައިގަނޑު ސަބަބަކީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ކަންތައްތަކެކެވެ. މިއީ ތަރި ފޯވާޑް މުހައްމަދު ސަލާހު ހިމެނޭހެން ޓީމުގެ ކުޅުންތެރިންނާ ދެމެދު މައްސަލަތަކެއް އުޅޭ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅުންހުރި ކަމެއް ނޫން ކަމަށްވެސް އެގައުމުގެ ނޫސްތަކުން ބުނެއެވެ.
ހުސާމްގެ ޒާތީ ދިރިއުޅުމުގެ މައްސަލަތަކެއް ފެންމަތިވެ އާންމުވުމާ ގުޅިގެން، އެގައުމުގެ ސުޕްރީމް ކައުންސިލް ފޯ މީޑިއާ ރެގިއުލޭޝަނުން ވަނީ މިދިޔަ ހަފުތާގައި އޭނާ އެއްވެސް މީޑިއާއަކަށް ފެނުން މަނާކޮށްފައެވެ. މިއީ ގައުމީ ޓީމެއްގެ ކޯޗަކާ ދެކޮޅަށް އެފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
މިސްރުގެ ގައުމީ ކޯޗުކަމާ 2024 ވަނަ އަހަރު ހަވާލުވި ހުސާމް އަކީ ކުރިން މިސްރުގެ ގައުމީ ޓީމަށް ކުޅެ، ފަހުން ވޯލްޑް ކަޕެއްގައި އެ ގައުމަށް އިރުޝާދު ދިން ފުރަތަމަ ކޯޗެވެ. މިއަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން މިސްރު ކެޓީ އާޖެންޓީނާ އަތުން ބަލިވެގެންނެވެ.
ހުސާމް ވަކިކުރުމަށްފަހު، މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަގުތުން ވަނީ އެ މަގާމަށް އަލީ މާހިރު ހަމަޖައްސައިފައެވެ. އަލީ މާހިރަކީ މިސްރުގެ ޕްރިމިއާ ލީގުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ މިވަގުތު ހުރީ އެ ލީގުގެ ހަތަރު ވަނައިގައި އޮތް ސެރަމީކާ ކްލިއޯޕެޓްރާގެ ހެޑް ކޯޗުގެ މަގާމުގައެވެ.
އާ ކޯޗު އަލީ މާހިރަށް ޓީމާއެކު ވަގުތުން ވަރުގަދަ މަސައްކަތްތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އެގޮތުން 2027 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި އަންނަ ނޮވެމްބަރު މަހުގެ 13 އަދި 17 ގައި މިސްރު ނުކުންނާނީ މަލާވީއާ ދެކޮޅަށެވެ. ކޮލިފައިންގެ ގްރޫޕް ބީގެ އެއްވަނައިގައި މިވަގުތު އޮތީ މިސްރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!