ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް، ގައުމަށް ކޮށްދިން ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކުރީ ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސް، ރޮނާލްޑޯ ރިޓަޔާކުރި ފަހުން އޭނާގެ ފުރަތަމަ ސްކޮޑު އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ގައުމީ ޓީމުން ވަކިވިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ގައުމީ ޓީމުގެ ކެރިއަރު ނިންމާލީ 234 މެޗު ކުޅެދީ، 146 ލަނޑު ޖަހައިދިނުމަށް ފަހުއެވެ. ނަމަވެސް، އަގުވަޒަންކުރުމުގެ ގޮތުން ބާއްވާ އަލްވަދާއީ މެޗަކުން ރޮނާލްޑޯ ފެނިދާނެތޯ ނުވަތަ ނޫންތޯ އަދި ސާފެއް ނުވެއެވެ.
ހުކުރު ދުވަހު ސްކޮޑު އިއުލާނުކުރުމުގެ ކުރިން ވާހަކަދައްކަވަމުން ޕޯޗުގަލްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޕެޑްރޯ ޕްރޮއެންކާ ވިދާޅުވީ، ޕޯޗުގަލްގެ ފުޓްބޯޅައަށާއި ގައުމަށްޓަކައި ރޮނާލްޑޯ ކޮށްދިން ޚިދުމަތްތަކަށް ޝުކުރު އަދާކުރުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް ފުދޭވަރު ނުވާނެ ކަމަށެވެ. އަދި އޭނާ ދޫކޮށް ދިޔަ ތަރިކައިގެ އަގުވަޒަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، ރޮނާލްޑޯ ކޮށްދިން ކޮންމެ ކަމަކީ އިހުތިރާމާއި އަގުވަޒަންކުރުން ހައްގު ކަންކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު މަހު ވޭލްސް އަދި ޑެންމާކާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގު މެޗުތަކަށް ޖީސަސް ނެގި ސްކޮޑުގައި އަލަށް ހަތް ކުޅުންތެރިން ހިމެނިއެވެ. އޭގެ ތެރޭގައި 21 އަހަރުން ދަށުގެ ޓީމުގެ ފަސް ކުޅުންތެރިން ހިމެނެއެވެ. އެހެން ނަމަވެސް، މި ބައްދަލުވުމުގައި ނޫސްވެރިންގެ ފަރާތުން މައިގަނޑު ގޮތެއްގައި އަމާޒުވީ ސްކޮޑުގައި ރޮނާލްޑޯ ނެތް މައްސަލައާއި، އޭނާ ވަކިވުމުގެ ކުރިން އުފެދުނު ދެބަސްވުންތަކާ ގުޅޭ ސުވާލުތަކެވެ.
ރޮނާލްޑޯ ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޑެންމާކާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ހުއްދައަކާ ނުލައި ޕޯޗުގަލްގެ ކޭމްޕް ދޫކޮށް ގޮސްފައެވެ. އަދި އޭގެ ފަހުން އެނބުރި ޓީމާ ގުޅިފައެއް ނުވެއެވެ. އޭނާ ޓީމު ދޫކޮށް ދިޔަ ސަބަބެއް ކަމަށް ފަހުން ބުނެފައިވަނީ ކޯޗު ޖީސަސް ވީ ވައުދުތަކާ ޚިލާފުވުމެވެ. މި މައްސަލައާ ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ޖީސަސް ހިތްހަމަނުޖެހުން ފާޅުކޮށް، އޭނާ ބޭނުންވަނީ ރޮނާލްޑޯގެ މައްސަލައަށްވުރެ ބޮޑަށް ސްކޮޑާ ބެހޭގޮތުން ވާހަކަދައްކަން ކަމަށް ބުންޏެވެ.
ޖީސަސް ބުނީ އޭނާގެ ހުރިހާ ނިންމުމެއްވެސް ނިންމީ ޓީމަށް އެންމެ ފައިދާހުރި ގޮތަށް ވިސްނައިގެން ކަމަށެވެ. އަދި މެނޭޖަރެއްގެ ހައިސިއްޔަތުން އަބަދުވެސް އިސްކަންދިނީ ޓީމަށް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށާއި، ނިންމި ނިންމުންތަކާމެދު އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން، ބުރާސްފަތި ދުވަހުގެ އިއުލާނާ ހަމައަށްވެސް ރޮނާލްޑޯ އޮތީ އޭނާގެ ޕްލޭނުގައި ކަމަށާއި، ރިޓަޔާކުރިކަން އެނގުނީ އެހެން އެންމެންނެކޭ އެއްފަދައިން އާންމުކޮށް އިއުލާނުކުރުމުން ކަމަށްވެސް ޖީސަސް ފާހަގަކުރިއެވެ. އަދި އޭގެ ފަހުން ރޮނާލްޑޯއާ ވާހަކަދައްކާފައި ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ފެޑެރޭޝަންގެ ރައީސް ޕްރޮއެންކާ ވިދާޅުވީ، އޭނާއާއި ކޯޗު ޖީސަސް އަދި ފެޑެރޭޝަންގެ އެންމެންވެސް ރޮނާލްޑޯގެ ނިންމުމަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ޕޯޗުގަލްގެ ޖީލުތަކަކަށް ރޮނާލްޑޯ ދެއްކި ލީޑަޝިޕަށް އޭނާ ވަނީ ތައުރީފުކުރައްވާފައެވެ. "އޭނާގެ އަގުވަޒަންކޮށް ފާހަގަކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އޭނާގެ ހައްދެއް ނެތް އަމާޒަށް އިހުތިރާމްކުރުން. އަބަދުވެސް މޮޅުވާން ކުޅުމާއި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމަށް ބިރުނުގަތުން. ކެޕްޓަން، ކޮށްދިން ހުރިހާ ކަމަކަށް ޝުކުރިއްޔާ. މިއީ، އަދި އަބަދުވެސް މިއީ ތިބާގެ ގެ،" ޕްރޮއެންކާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!