ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކަނާތު ބެކް އަޝްރަފް ހަކީމީ ހެދި ހެޓްރިކާއި ދިން ދެ އެސިސްޓާއެކު، ހުކުރު ދުވަހު ލެ ހާވްރާއާ ވާދަކޮށް 5-1 ގެ ނަތީޖާއަކުން މޮޅުވެ، ފްރެންޗް ލީގު 1 ގެ ތާވަލުގެ އެއްވަނައިގައި އެ ޓީމުން ލީޑު ފުޅާކޮށްފިއެވެ.

މިއީ ލީގުގައި ޕީއެސްޖީން ޖެހިޖެހިގެން ހޯދި ހަވަނަ މޮޅު ކަމަށްވާއިރު، ހުރިހާ މުބާރާތެއް ހިމެނޭހެން އެ ޓީމުން މޮޅުވި ނުވަވަނަ މެޗެވެ.

Ad
d

މެޗުގެ 18 ވަނަ މިނެޓުގައި ޖޯޝް މަޖާ ވަނީ ލަނޑެއް ޖަހައި ލެ ހާވްރާއަށް ކުރިހޯދައިދީފައެވެ. މިއީ އޭނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައި ޖެހި ތިންވަނަ ލަނޑެވެ. ނަމަވެސް މީކާ ގޮޑްސް އަދި ހަކީމީ ޖެހި ލަނޑުތަކާއެކު ޕީއެސްޖީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން 2-1 އިން ކުރި ހޯދާފައެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ހަކީމީ ހިލޭޖެހުމަކުން ތަފާތު ބޮޑުކުރިއިރު، އޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ ސެނީ މަޔޫލޫއެވެ. އަދި 69 ވަނަ މިނެޓުގައި ހަކީމީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މި ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 20 ޕޮއިންޓާއެކުގައެވެ. އެއީ ދެވަނައިގައި އޮތް ލިއްލްއަށް ވުރެ ދެ ޕޮއިންޓް އަދި ތިންވަނައިގައި އޮތް ރެންސްއަށް ވުރެ ހަތަރު ޕޮއިންޓް ކުރީގައެވެ.

ފްރާންސް ލީގުގައި ދެވަނައިގައި އޮތް ލިއްލް ވަނީ 1-0 އިން ލެންސް ބަލިކޮށްފައެވެ. މެޗު ނިމެން 17 މިނެޓަށް ވެފައި ވަނިކޮށް އީތަން އެމްބާޕޭގެ ބަދަލުގައި ކުޅެން އެރި ތަޖުރިބާކާރު ސްޓްރައިކަރު އޮލިވިއޭ ޖިރޫ ވަނީ 86 ވަނަ މިނެޓުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދީފައެވެ. މި ލަނޑަކީ ނަބީލް ބެންތަލެބް ފޮނުވާލި ދުރު ހަމަލާއެއް ގޯލްކީޕަރު ރޮބިން ރިސާ އަތުން ދޫވި ވަގުތު ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ.

ލީގުގެ އަނެއް މެޗުގައި ނީސް ވަނީ 5-2 ގެ ބޮޑު ނަތީޖާއަކުން ރެންސް ބަލިކޮށް ތާވަލުގެ ހަތްވަނައަށް ޖެހިލާފައެވެ. މި މެޗުގައި ނީސްގެ ފޯވާޑް އެލީ ވަހީ ވަނީ ހެޓްރިކް ހަދާފައެވެ. އޭނާ މެޗުގެ 12 އަދި 34 ވަނަ މިނެޓުގައި ޕެނަލްޓީތަކުން ލަނޑު ޖެހިއިރު، އެ ދެމެދުގައި ސެބަސްޓިއަން ޝިމާންސްކީ ވަނީ ރެންސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވަހީ ދިން ޕާހަކުން ޖޮނަތަން ކްލައުސް ނީސްގެ ތިންވަނަ ލަނޑު ޖެހިއިރު، ދެވަނަ ހާފު ފެށިގެން މުހައްމަދު އަމޫރާ ވަނީ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ. ރެންސްގެ ބޮލާޔޭ ޑިއާ 58 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލަނޑެއް ޖެހި ނަމަވެސް، ވަހީ ވަނީ އޭނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެއިންޓްރަކްޓް ފްރެންކްފާޓުން ލޯނު އުސޫލުން ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ ވަހީ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ފަސް ލަނޑާއި ދެ އެސިސްޓް ހަމަކޮށްފައެވެ.

ޖަރުމަން ބުންޑެސްލީގާގައި އަލަށް ވާދަކުރަމުން އަންނަ އެލްވާސްބާގުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައި 4-1 އިން މައިންޒް ބަލިކޮށް ތާވަލުގެ ގަދަ ފަހެއްގެ ތެރެއަށް ޖެހިލާފައެވެ. އެ ޓީމުގެ ފެލިކްސް ކައިޑެލް ހަތްވަނަ މިނެޓުގައި ހިލޭޖެހުމަކުން ލީޑު ނަގައިދިން އިރު، ފްރެންސިސް އޮންޔޭކާ ވަނީ 26 ވަނަ މިނެޓުގައި ލަނޑެއް ޖަހާފައެވެ. އަދި ބަޔާން މިއުނިކުން ލޯނު އުސޫލުން ކުޅޭ މައުރީސް ކްރަޓެންމާކާ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ތިންވަނަ ލަނޑު ޖެހިއެވެ. އިތުރު ވަގުތުގައި އެމެރިކާގެ ކޯލް ކެމްޕްބެލް ވޮލީއަކުން ހަތަރުވަނަ ލަނޑު ކާމިޔާބުކުރިއިރު، މައިންޒްގެ ހަމައެކަނި ލަނޑު ޖެހީ ބެނެޑިކްޓް ހޮލަރބަކްއެވެ. މެޗުގެ ފަހުކޮޅު މައިންޒްގެ ސްޓެފަން ޕޮޝްއަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. މި މޮޅާއެކު އެލްވާސްބާގް ފަސްވަނައިގައި އޮތީ 13 ޕޮއިންޓާއެކު، ފްރެއިބާގާއި ބަޔާ ލެވަކޫސެންއާ އެއްވަރަށެވެ. މައިންޒް ވަނީ އަށްވަނައަށް ވެއްޓިފައެވެ.

Ad
df

ސްޕެނިޝް ލަލީގާގައި ވިޔަރެއާލްގެ މައްޗަށް އެސްޕަނިޔޯލުން ވަނީ 1-0 އިން ކުރި ހޯދާފައެވެ. ކޯޕާ ޑެލް ރޭގައި ހަތަރުވަނަ ޑިވިޝަންގެ ސެސްޓާއޯ އަތުން ބަލިވެ ކޯޗު މަނޯލޯ ގޮންޒާލެޒް ވަކިކުރުމާ ގުޅިގެން ވަގުތީ ގޮތުން ޓީމާ ހަވާލުވި ސާޖިއޯ ގާސިއާގެ އިރުޝާދުގެ ދަށުން ކުޅުނު މި މެޗުގައި، އެސްޕަނިޔޯލް މޮޅުވި ލަނޑު 60 ވަނަ މިނެޓުގައި ވައަތްފަރާތުން އައި ބޯޅައަކުން ކާމިޔާބުކުރީ ކެޕްޓަން ލެއަންޑްރޯ ކަބްރޭރާއެވެ. އެ ޓީމުގެ އައު ކޯޗު އެޑާ ސަރާބިއާ ސަސްޕެންޝަނުގައި ހުރުމުން މި މެޗުގައި ބައިވެރިވެވިފައި ނުވާއިރު، މިއީ މި ސީޒަނުގައި އެސްޕަނިޔޯލް ހޯދި ތިންވަނަ މޮޅެވެ. މި ނަތީޖާއާއެކު އެ ޓީމު ވަނީ ހަ ދަރަޖަ ކުރިއަށް ޖެހިލައި 12 ވަނައަށް އަރާފައެވެ. ވިޔަރެއާލް އޮތީ 10 ވަނައިގައެވެ.