އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ގެ ބުރުގައި ބުދަ ދުވަހުގެ ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗު، ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެ، ނަތީޖާ ނެރުމަށް ޖެހި ޑްރާމާ އިން ފުރިގެންވި ޕެނަލްޓީ ޝޫޓްއައުޓުން 6-5 އިން މޮޅުވެ ލިވަޕޫލުން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ކުޑައިރުގެ ދެ އެކުވެރިން ކަމަށްވާ ލިވަޕޫލްގެ ކޯޗު އަންޑޯނީ އިރައޯލާ އާއި ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯގެ ކުރިމަތިލުމުގައި، އެންފީލްޑްގައި ކުޅުނު މި މެޗުން ކުރި ހޯދީ އިރައޯލާގެ ޓީމެވެ.

Ad
d

މެޗުގެ ފުރިހަމަ ވަގުތު ދެ ޓީމު އެއްވަރުވީ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލިބުނު ޕެނަލްޓީތަކުންނެވެ. އެގޮތުން މެޗުގެ 40 ވަނަ މިނެޓުގައި މޮއިސެސް ކައިސޭޑޯ އަށް ރަޔާން ގްރަވެންބާކް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ވައްދާލައިގެން މޯގަން ރޮޖާސް ވަނީ ޗެލްސީ އަށް ކުރިހޯދައިދީފައެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން، ޗެލްސީގެ ޑިފެންޑަރު ވެސްލީ ފޮފާނާގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ކޯޑީ ގަކްޕޯ ވަނީ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ނަތީޖާ ނެރުމަށް ޖެހި ފޯރިގަދަ ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީގެ ވެލެންޓިން ބާކޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެއަށްފަހު މެޗުން މޮޅުވާން ލިވަޕޫލްގެ ކޮސްޓާސް ސިމިކާސް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. އަދި ގްރަވެންބާކް ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މައިކް ޕެންޑާސް މަތަކުރި ނަމަވެސް، އެމަނުއެލް އެމޭގާ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ޖިއޯޖީ މަމާޑަޝްވިލީ ދިފާއުކޮށް ލިވަޕޫލަށް އުންމީދު ދެމެހެއްޓިއެވެ. އެއަށްފަހު ޖޯ ގޯމޭޒް ލިވަޕޫލަށް ޕެނަލްޓީ ކާމިޔާބުކޮށްދިން އިރު، ޗެލްސީގެ ފޮފާނާ ފޮނުވާލި ބޯޅަ ދިޔައީ ކޮޕް ސްޓޭންޑާ ދިމާލަށް ބޭރަށެވެ.

މި ނަތީޖާއާއެކު، މިއީ ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު އަލޮންސޯ ކޯޗެއްގެ ގޮތުގައި އެންފީލްޑަށް ކުރި ތިން ޒިޔާރަތުގައި ވެސް ވީ ތިންވަނަ ބައްޔެވެ. މީގެ ކުރިން އޭނާ ވަނީ 2024 ވަނަ އަހަރު ބަޔާ ލެވަކޫސަންއާ އެކު އަދި 2025 ވަނަ އަހަރު ރެއާލް މެޑްރިޑާ އެކު ވެސް އެންފީލްޑްގައި ބަލިވެފައެވެ. މި މެޗަށް ނުކުތްއިރު ހޮނިހިރު ދުވަހު ޓޮޓެންހަމް އަތުން އަމިއްލަ ދަނޑުގައި 2-0 އިން ބަލިވި ޓީމަށް އަލޮންސޯ ގެނައީ އެންމެ ހަތަރު ބަދަލެވެ. އަނެއްކޮޅުން އާދީއްތަ ދުވަހު ބްރައިޓަން އަތުން 2-0 އިން މޮޅުވި މެޗަށްފަހު އިރައޯލާ ވަނީ ލިވަޕޫލްގެ ފުރަތަމަ އެގާރައަށް ހަތް ބަދަލެއް ގެނެސްފައެވެ.

މި މުބާރާތް 10 ފަހަރު ކާމިޔާބުކޮށްފައިވާ ލިވަޕޫލާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި ޔާގަން ކްލޮޕް އަދި އާނޭ ސްލޮޓް ވެސް ވަނީ ލީގު ކަޕްގެ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި އިރައޯލާ މިހާރު ހުރީ އެ މަގުން ކުރިއަށް ދިއުމުގެ މިސްރާބުގައެވެ. ކުއާޓާ ފައިނަލުގައި އިރައޯލާ ނުކުންނާނީ އޭނާގެ ކުރީގެ ކްލަބު ބޯންމަތުއާ ދެކޮޅަށެވެ. މެޗަށްފަހު އިރައޯލާ ބުނީ ޓީމުން ތިބީ ވަރަށް އުފަލުން ކަމަށާއި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ލީގުގައި އަމިއްލަ ދަނޑުގައި އުނދަގޫތަކާ ކުރިމަތިވި ނަމަވެސް، ދެން އޮތީ އާދީއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ކަމަށް އޭނާ ފާހަގަކުރިއެވެ.

Ad
df

މެޗަށްފަހު އަލޮންސޯ ބުނީ ޕެނަލްޓީއާ ހަމައަށް ދާ ކޮންމެ ފަހަރަކު ވެސް މުބާރާތުން ވަކިވާން ޖެހުމުން އެއީ ބޭއިންސާފެއްގެ ގޮތުގައި އިހުސާސް ކުރެވޭނެ ކަމަށެވެ. އަދި އޭނާގެ ޓީމުން ދެއްކީ ރަނގަޅު ފެންވަރެއް ކަމަށާއި އެފަދަ ސްޓޭޑިއަމްތަކަށް އަންނައިރު ބޭނުންވާނީ އެ ފެންވަރު ކަމަށް އަލޮންސޯ ބުންޏެވެ. މީގެއިތުރުން ޓީމުގެ މައިގަނޑު ފޯކަސް މިހާރު ހުރީ ޕްރިމިއާ ލީގަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.