ސައުދީ ޕްރޯ ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން، ނިޔާވެފައިވާ ކުޅުންތެރިޔާ ޑިއޯގޯ ޖޮޓާގެ ނަން ބޭނުންކޮށްގެން ރުބެން ނެވޭސްއަށް އަމާޒުކޮށް އަޑުއުފުލި ސަޕޯޓަރުން ފުޓްބޯޅަ ސްޓޭޑިއަމްތަކަށް ވަނުން އުމުރަށް މަނާކުރަންޖެހޭ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ސައުދީ އަރަބިއްޔާގެ ބުރައިދާގައި އަލް-ތާއޫން އާއި ނެވޭސް ކުޅޭ އަލް-ހިލާލް ބައްދަލުކުރި މެޗުގައެވެ. ޖޮޓާ ނިޔާވީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހު ސްޕެއިންގެ ޒަމޯރާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ. ޖޮޓާގެ ގާތް އެކުވެރިއެއް ކަމަށްވާ ނެވޭސް އަކީ އޭނާގެ ޖަނާޒާގައި ސަންދޯއް އުފުލުމުގައި ވެސް ބައިވެރިވި ކުޅުންތެރިއެކެވެ.

Ad
d

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސްޓޭންޑްގައި ތިބި ބައެއް ސަޕޯޓަރުން ވަނީ "ޖޮޓާ" ގެ ނަމުން ނޭވްސް އަށް ގޮވާފައެވެ. މި އަޑުތަކާ ގުޅިގެން ނެވޭސް ވަނީ އޭނާގެ ލޮލަށް އިޝާރާތްކުރުމަށްފަހު އުޑާ ދިމާލަށް އިނގިލި ދިއްކޮށްފައެވެ.

"އަހަރެން އުންމީދު ކުރަނީ މިކަން ކުރުމަށްފަހު އެމީހުން ނަމާދަށް ނުދާނެ ކަމަށް،" މެޗަށްފަހު ވާހަކަދައްކަމުން ނެވޭސް ބުނެފަވެއެވެ.

މި ހާދިސާގެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކުރުމުން، ރޮނާލްޑޯ ވަނީ އޭނާގެ އަމިއްލަ އެކައުންޓުން ކޮމެންޓްކޮށްފައެވެ.

"މިފަދަ ސަޕޯޓަރުންގެ އަމަލުތަކަށް ލީގުން ފިޔަވަޅު އަޅައި އަދަބު ދޭންޖެހޭ. މިއީ ދެން ފުޓްބޯޅައެއް ނޫން، އަދި ހައްދުތަކެއް ހުންނަންވާނެ. މިފަދަ ގޮތަކަށް އަމަލުކުރާ މީހުން ދުވަހަކުވެސް ސްޓޭޑިއަމަކަށް ވަނުމުގެ ހުއްދަ ދީގެން ނުވާނެ،" ރޮނާލްޑޯ ބުނެފަވެއެވެ.

އަލް-ހިލާލް 6-0 އިން ކާމިޔާބުކުރި މި މެޗަށްފަހު، އެ ކްލަބުން ވަނީ ސައުދީ އަރަބިއަން ފުޓްބޯލް ފެޑެރޭޝަނަށް މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައެވެ. އަލް-ހިލާލުން ނެރުނު ބަޔާނެއްގައި ބުނީ، ކުޅުންތެރިންނާއި އެމީހުންގެ އާއިލާތަކަށް އަމާޒުކޮށް، ނުވަތަ ޒާތީ ގޮތުން ފުރައްސާރަކުރުމުގެ ގޮތުން ހިންގާ މިފަދަ އަމަލުތައް އެއްގޮތަކަށްވެސް ބަލައިނުގަންނަ ކަމަށެވެ.

Ad
df

މީގެއިތުރުން އަލް-ތާއޫން ކްލަބުން ވެސް ވަނީ މި ހާދިސާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިކަން ތަކުރާރުވިޔަ ނުދިނުމަށާއި ކުށްވެރިންނަށް ފިޔަވަޅު އެޅުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.