އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނާރުއްމާ އާއި އޭނާގެ އަންހެނުން ފްރާންސްގެ ޕެރިސްގައި ދިރިއުޅުނު އެޕާޓްމަންޓަށް ވަދެ ހިންގި އަނިޔާވެރި ފޭރުމުގެ މައްސަލައިގައި ދެ މީހަކު ޖަލަށް ލުމަށް ޕެރިސްގެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އިސްކޮށް އުޅުނު މީހާ ނުވަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރިއިރު، ދެވަނަ މީހާއަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ޕެރިސްގެ ކޯޓުން ހުކުމްކޮށްފައިވަނީ މި ފޭރުން ރޭވުމުގައި އިސްކޮށް އުޅުނު އުމުރުން 21 އަހަރުގެ އިލިޔާސް ކޭރްބޫޝް ނުވަ އަހަރަށް ޖަލަށް ލުމަށެވެ. އަދި އޭނާ 80،000 ޔޫރޯ (93،000 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލައިގައި ދެން ދައުވާ ލިބުނު މޮކްތާރް ޑީގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އޭގެ ތެރެއިން ދެ އަހަރު ވަނީ ޝަރުތުތަކަކާއެކު ސަސްޕެންޑްކޮށްފައެވެ. މިއާއެކު، ޖަލުގައި ހުރެގެން މި ކަން ރޭވިކަމުގެ ތުހުމަތުކުރެވުނު ތިންވަނަ މީހާ، އުމުރުން 22 އަހަރުގެ ކިޔާން އެމް ވަނީ ކުށް ސާބިތުނުވާކަމަށް ނިންމައި މިނިވަންކޮށްފައެވެ.
މި ހާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. ޕެރިސްގެ މެދުތެރޭގައި އޮންނަ އަވަނިއު މޮންޓޭންގައި ހުންނަ އިމާރާތެއްގެ ނުވަވަނަ ބުރީގައި ހުރި ޑޮނާރުއްމާގެ އަގުބޮޑު އެޕާޓްމަންޓަށް މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ވަދެގަތީ ފުރާޅުމަތިންނެވެ. އެ ވަގުތު ޑޮނާރުއްމާ އާއި އޭނާގެ އޭރުގެ އެންގޭޖްވެގެން އުޅުނު ބައިވެރިޔާ އަދި މިހާރުގެ އަންހެނުން އަލެސިއާ އެލެފަންޓޭ ތިބީ ނިދާފައެވެ.
އެޕާޓްމަންޓަށް ވަދެގަތް މީހުން ވަނީ ޑޮނާރުއްމާ އާއި އެލެފަންޓޭ އެނދުން ދަމައިނެރެ، ވަކިކޮށް، ވަޅިން ބިރުދައްކައި ބަނދެފައެވެ. އަދި ހަރު އަންގިލައިގެން ޑޮނާރުއްމާގެ ގައިގައި ތެޅުމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެ ލޭއައެވެ. މީގެއިތުރުން، އެލެފަންޓޭގެ ކަނދުރާގައި ފޯނު ޗާޖަރު ކޭބަލަކުން ހިފަހައްޓައި ނޭވާހުއްޓުވަން މަސައްކަތްކޮށްފައިވެއެވެ. އޭރު ބަނޑުބޮޑުވެފައި އިން އެލެފަންޓޭއަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން ފަހުން އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވަނީ ވެއްޓިފައެވެ.
މި ފޭރުމުގައި ޖުމްލަ ހަތް މީހުންގެ ގްރޫޕަކުން ބައިވެރިވި ކަމަށްވާ އިރު، އެ މީހުން ވަނީ މަދު މިނެޓުކޮޅެއްގެ ތެރޭގައި އެޕާޓްމަންޓުން ގިނަ އަދަދެއްގެ ފައިސާއާއި، ގަހަނާއާއި، އަގުބޮޑު ގަޑިތަކުގެ އިތުރުން ބްރޭންޑެޑް ދަބަސްތައް ފޭރިގެން ފިލާފައެވެ. ޑޮނާރުއްމާ އަންދާޒާކުރާ ގޮތުގައި ފޭރުނު ތަކެތީގެ ޖުމްލަ އަގު އުޅެނީ އެއް މިލިއަން ޔޫރޯ (1.1 މިލިއަން އެމެރިކާ ޑޮލަރު)ގެ މިންވަރަކަށެވެ. މި މައްސަލައިގައި ހިމެނޭ މޮކްތާރް ޑީ ކޯޓުގައި ބުނެފައިވަނީ އޭނާ އުޅުނީ އެޕާޓްމަންޓް ކުރިމަތީގައި ހުރި އިމާރާތެއްގެ މަތީގައި ފާރައަށް ކަމަށެވެ. އަދި މައުލޫމާތު ދިން ކަމަށް ތުހުމަތުކުރެވުނު އޭނާގެ ކުޑައިރުގެ ރައްޓެއްސަކު ވަނީ ޖަލުގައި އަމިއްލައަށް މަރުވެފައެވެ.
އުމުރުން 27 އަހަރުގެ އިޓަލީ ގޯލްކީޕަރު ޑޮނާރުއްމާއަށް މި ހާދިސާ ކުރިމަތިވިއިރު އޭނާ ކުޅެމުންދިޔައީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. ނަމަވެސް 2025 ވަނަ އަހަރު އޭނާ ވަނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީއަށް ބަދަލުވެފައެވެ. ކޯޓުގައި ދައުވާކުރި ޕްރޮސެކިއުޓަރުން ފާހަގަކުރި ގޮތުގައި އަވަނިއު މޮންޓޭން ސަރަހައްދަކީ ޒުވާން ކުށްވެރިންގެ އަމާޒަކަށް ވެފައިވާ ސަރަހައްދެކެވެ. އެގޮތުން 2022 އާއި 2025 އާ ދެމެދު އެ ސަރަހައްދުން މަޝްހޫރު ހަތް މީހަކަށް މިފަދަ އަނިޔާވެރި ހަމަލާތައް އަމާޒުވެފައިވާކަން ޕްރޮސެކިއުޓަރުން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!