މުޙިއްމު ބޭނުމެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން، ރޭގަނޑު 9:00 ގެ ފަހުން ބެލެނިވެރިއަކާ ނުލައި ރަށުތެރޭގައި ހަރަކާތްތެރިވެ ނޫޅޭކަން ކަށަވަރުކޮށް، އެ ކުދިން ބެލެހެއްޓުމަށް ހއ. ދިއްދޫ ކައުންސިލުން އެ ރަށުގެ ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ.
ދިއްދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މިހާރަކަށް އައިސް ރޭގަނޑު 9:00 ގެ ފަހުގައި، ބެލެނިވެރިއެއް ނުވަތަ ބަލަދުވެރި ފަރާތެއް ނެތި އުމުރުން 18 އަހަރުން ދަށުގެ ކުދިން ރަށުތެރޭގައި އެއްވެސް ބޭނުމެއް ނެތި ހަރަކާތްތެރިވަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިގެން ކަމަށެވެ.
ކުޑަކުދިން ރޭގަނޑު ބޭރުގައި އެގޮތަށް އުޅުމަކީ އިޖްތިމާޢީ ގޮތުން އެކަމުގެ ނޭދެވޭ އަސަރުތައްކޮށް، އަޚްލާޤީ އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމެއްކަން ދިއްދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މަދަނީ ޖަމްޢިއްޔާތަކާއި، ފަންނީ ތަމްރީނުދޭ މަރުކަޒުތަކާއި، ތަޢުލީމުދޭ މަރުކަޒުތަކުގެ އިތުރުން، އުމުރުން 18 އަހަރުން ދަށުގެ ކުދިން ހިމަނައިގެން ކުރިއަށް ގެންދާ ހަރަކާތްތައް ރާވައި، ހިންގާ ފަރާތްތަކުން ވެސް މި ކަންކަމަށް ސަމާލުކަން ދިނުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ޤައުމު ބިނާކުރުމުގައި އާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ޤައުމުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުޙިއްމުކަން ޤަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަގުފަހިކުރުމަކީ މުޙިއްމު ކަމެއްކަން ކައުންސިލުން ފާހަގަކުރެއެވެ.
ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ދަމަހައްޓައި ތަރައްޤީކުރުމަށް ބާރުއެޅުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!