އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ޢާންމުކުރާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު އަދާހަމަކޮށް ޝާޢިއުކޮށްފިއެވެ.
އެ ދަފްތަރުގައި މިހާތަނަށް 247 މީހަކު ހިމެނިފައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން (ޕީޖީ އޮފީސް) އިން ބުނި އެ ދަފްތަރަކީ ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް (ސީ.އެފް.ޕީ.އެސް) އިން ޝާއިޢުކުރާ ލިސްޓެކެވެ. މި ލިސްޓުގައި ހިމެނޭ މީހުން މިހާރު ތިބި ތަނާބެހޭ މަޢުލޫމާތު އަދާހަމަ ކުރަމުން ގެންދާނީ ސީ.އެފް.ޕީ.އެސް އިންނެވެ.
މި ދަފްތަރުގައި ހިމެނޭ އެހެން މަޢުލޫމާތުތަކަކީ ޕީޖީ އޮފީހުން ފޯރުކޮށްދިނުމުން ސީ.އެފް.ޕީ.އެސް އިން ޝާއިޢުކުރާ މަޢުލޫމާތެވެ. އަދި ޕީޖީ އޮފީހުން ފޯރުކޮށްދޭ މަޢުލޫމާތު ބިނާކޮށްފައިވަނީ، އެ މައްސަލައެއް ނިމުނު ގޮތާބެހޭ ގޮތުން ޝަރުޢީ ކޯޓަކުން ދީފައިވާ ރަސްމީ ލިޔުމެއްގެ މައްޗަށެވެ.
ޕީޖީ އޮފީހުން އިތުރަށް ފާހަގަކުރި ގޮތުގައި، މައްސަލައެއްގައި ޙުކުމް ކޮށްފައިވީނަމަވެސް، އެ ޙުކުމް ލިޔުމުން ނުލިބޭހާ ހިނދަކު އެ މައްސަލައެއްގެ މަޢުލޫމާތެއް ސީ.އެފް.ޕީ.އެސް އަކަށް ނުފެންނާނެއެވެ. ނަމަވެސް، ކޯޓުން ޙުކުމް ނުވަތަ މައްސަލަ ނިންމި ގޮތާބެހޭ ލިޔުން ލިބޭ ވަގުތު، އެ މަޢުލޫމާތު ޝާއިޢުކުރުމަށްޓަކައި ސީ.އެފް.ޕީ.އެސް އަށް އޮޓޮމެޓިކުން ފެންނާނެ އިންތިޒާމު ވަނީ ހަމަޖެހިފައިކަމަށް އެ އޮފީހުން ބުންޏެވެ.
މި ލިސްޓަށް ބަލާއިރު މި ލިސްޓްގައިވާ އަންހެނުންގެ އަދަދަކީ ދެއެކެވެ. ދެން ބާކީ ތިބި އެންމެންނަކީ ވެސް ފިރިހެނުންނެވެ.
މި ލިސްޓްގައި ބަންގްލަދޭޝް އަށް ނިސްބަތްވާ 19 މީހަކާއި، އިންޑިއާ އަށް ނިސްބަތްވާ ދެ މީހަކާއި އަދި ސައުތުއެފްރިކާ އަށް ނިސްބަތްވާ އެކަކަކާއި ސްރީލަންކާ އަށް ނިސްބަތްވާ އެކަކު ހިމެނެއެވެ. ބާކީ އެންމެންނަކީ ވެސް ދިވެހީންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޖިނާއީ ޤާނޫނުތަކުގެ ދަށުން ހަރުކަށިކޮށް މަނާކޮށްފައިވާ، އަދި ވަރަށް ބޮޑު އަދަބު ކަނޑައަޅާފައިވާ ޖިނާއީ ބޮޑު ކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!