ނައިޖީރިއާގެ ޖަންގަލީގެ ސަރަހައްދެއްގައި ހަތިޔާރުއެޅި ބަޔަކު ގިނަ އަދަދެއްގެ ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް، އެ ހަތިޔާރު އެޅި މީހުން އާންމުކޮށްފިއެވެ.

މި ވީޑިއޯ އާންމުކޮށްފައި ވަނީ އާދީއްތަ ދުވަހުއެވެ. މި ވީޑިއޯ އާންމުކޮށްފައި ވަނީ ހަތިޔާރުއެޅި ބަޔަކު ނައިޖީރިއާގެ އުތުރު-މެދުތެރޭގެ ނައިޖާ ސްޓޭޓްގެ ދެކޭރާ އަވަށުގެ މިސްކިތެއްގައި ހުކުރު ނަމާދު ކުރަން ތިބި ގާތްގަނޑަކަށް 600 އެއްހާ މީހުން ރަހީނުކުރިތާ ދެ ދުވަސް ފަހުންނެވެ.

Ad
rt

މި ހާދިސާ ހިނގާފައި މިވަނީ، ޖެނުއަރީ މަހު އެ ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ނައިޖީރިއާ ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ގައުމުގެ އުތުރުގެ ސަރަހައްދުތަކުގައި ފައިސާއަށް އެދި ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ރަހީނުކުރުމުގެ މައްސަލަ ބޮޑުވެފައިވާތީ، އިންތިޚާބުގައި ސަލާމަތީ ކަންކަމަށް ބޮޑު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ދެކޭރާ އަވަށުގެ ރައްޔިތުން ބުނާ ގޮތުގައި ހަތިޔާރުއެޅި މީހުން ވަނީ އެއްފަހަރާ އެކި އަވަށްތަކަށް އަރައި، ގިނަ ބަޔަކު ގަދަކަމުން ގެންގޮސްފައެވެ.

ފޭސްބުކާއި ވަޓްސްއެޕްގައި އާންމުވެ، ވަރަށް ބޮޑަށް ދައުރުވަމުންދާ މި ވީޑިއޯއިން ކުޑަކުދިން ރޯ އަޑު އިވެއެވެ. އަދި ހައުސާ ބަހުން ވާހަކަދައްކާ ހަތިޔާރުއެޅި މީހަކު، ރަހީނުކޮށްފައިވާ މީހުންގެ އާއިލާތަކަށް ސީދާ މުޚާތަބުކޮށް، އެމީހުންގެ އާއިލާގެ މީހުން ދެނެގަތުމަށް ބުނެއެވެ.

"މިއީ ހުސް ތިޔަބައިމީހުންގެ މީހުން،" އެ ހަތިޔާރުއެޅި މީހާ ބުނެއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވީޑިއޯ ނަގާފައިވާ ސީދާ ތާރީޚާއި ތަން ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، އާދީއްތަ ދުވަހުގެ ކުރިން މި ވީޑިއޯގެ އެއްވެސް ބައެއް އިންޓަނެޓަށް ލާފައިވާކަން އެނގޭކަށް ނެތެވެ.

އަބްދުލްމުއްތަލިބް މުޤައްދަސް ދިންދީ ހިމެނޭހެން، އެ އަވަށުގެ ބައެއް ރައްޔިތުންނަށް ވަނީ ރަހީނުކޮށްފައިވާ ބައެއް މީހުން ވަކިކުރަން އެނގިފައެވެ.

"އަހަރެމެންގެ އިސްރަށްވެހިންނާއި ތިމާގެ މީހުން އަހަރެމެންނަށް ވަކިކުރަން އެނގިއްޖެ. އަދި އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް އެމީހުންގެ އަނބިންނާއި ދަރިންވެސް މި ވީޑިއޯއިން ވަނީ ފެނިފައި،" އޭނާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ނައިޖީރިއާގެ ފުލުހުންނާއި ދައުލަތުގެ އިދާރާތަކުން އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ރަހީނުކޮށްފައިވާ މީހުން ސަލާމަތް ކުރުމަށް ނައިޖީރިއާގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި، ނައިޖީރިއާގެ އުތުރުގައި އެއްފަހަރާ ގިނަ ބަޔަކު ރަހީނުކުރުމުގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކުގެ އިންޒާރު ދީފައެވެ.

ސްޓޭޓް ކޮމިޝަނަރ ފޮރ އިންފޮމޭޝަން އެންޑް އޮރިއެންޓޭޝަން، އޮބެޑް ނާނާ، ''އަނަދޯލޫ'' ނިއުސް އޭޖެންސީއަށް ވިދާޅުވީ "ހާލަތު ވަޒަންކުރުމަށާއި، ހަމަލާދިން މީހުން ހޯދުމަށާއި، ރަހީނުކޮށްފައިވާ މީހުން ސަލާމަތް ކުރުމަށް މަގުފަހިކުރުމުގެ" އޮޕަރޭޝަނެއް މިހާރު ކުރިއަށްދާ ކަމަށެވެ.

ފައިސާ ހޯދުމުގެ ބޭނުމުގައި އެއްފަހަރާ ގިނަ ބަޔަކު ރަހީނުކުރުމަކީ ނައިޖީރިއާގެ ހުޅަނގު-އުތުރާއި އުތުރު-މެދުތެރޭގެ ސަރަހައްދުތަކުގައި އާންމު ކަމަކަށް ވެފައިވާ ކަމެކެވެ. ހަތިޔާރުއެޅި ގޭންގުތަކުން އަވަަށްތަކަށާއި، ސްކޫލްތަކަށާއި، ހައިވޭތަކަށް އަރައި މީހުން ރަހީނުކޮށް، ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކަނީސް އެމީހުން ދުލެއް ނުކުރެއެވެ.

މިހާރަކަށް އައިސް، މި ހަތިޔާރުއެޅި މީހުން ދަނީ އުތުރުގެ ނުރައްކާތެރި ސަރަހައްދުތަކުން ބޭރުން، ދެކުނުގެ އަވަށްތަކަށްވެސް އަމާޒުކޮށް ހަމަލާދެމުންނެވެ.

އިންތިޚާބަށް ތައްޔާރުވަމުންދާއިރު، ސަލާމަތީ ކަންކަން ބަލިކަށިވުމުގެ ސަބަބުން ރައީސް ބޯލާ ޓިނޫބޫއަށް އަމާޒުވާ ފާޑުކިޔުންތައް ދަނީ އިތުރުވަމުންނެވެ.