ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ "ޑަބްލިއުޑީސީ ނެޓްބޯޅަ ޗެލެންޖް 2026"ގެ ސެމީފައިނަލްގައި ވާދަ ކޮށް، "ކޭވައިއާރްސީ ޖޫނިއާސް" އާއި "ފައިވް" ފައިނަލްގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލަށް "ފައިވް" ދަތުރުކުރީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި "ކޭއީޑީ" އާ ކުރިމަތިލައި 34- 10 އިން މޮޅުވެގެންނެވެ. އެ މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ "ފައިވް"ގެ އާމިނަތު ލައުޒާއެވެ.

Ad
rt

"ކޭވައިއާރްސީ ޖޫނިއާސް" ފައިނަލަށް ދަތުރުކުރީ ސެމީގައި "ޔުނިކް ފްރެންޑްސް"ގެ ކުރިމަތިލުމުގައި 39 - 12 އިން މޮޅުވެގެންނެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ "ކޭވައިއާރްސީ ޖޫނިއާސް"ގެ ޝައިހާ އަސްލަމެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ރޭ 8:30 ގައެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ދާ މި މުބާރާތުގައި ބައިވެރިވަނީ އަށް ޓީމެވެ. އެ ޓީމް ތަކަކީ، ފައިވް، ކޭ.ވައި.އާރް.ސީ، ކޭ.ވައި.އާރް.ސީ ޖޫނީއަރސް، ޔުނިކް ފްރެންޑްސް، ކޭ.އީ.ޑީ، ޓީމް ފްލެމިންގޯ، ކޭ.ސީ.ސީ.އާރް.ސީ އަދި އަފީފުއްދީން ސްކޫލެވެ.

14 އޯގަސްޓްގައި ފެށި މި މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުނީ އޯގަސްޓް 21 ގައެވެ.

ކުޅުދުއްފުށީ ޑަބްލިޔުޑީސީގެ ނެޓްބޯލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ އާއި ޓްރޮފީ އަދި މެޑެލް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ މަގްސަދަކީ ކުޅުދުއްފުށީ ސިޓީގައި ނެޓްބޯޅަ ކުރިއަރުވައި، ކުޅުންތެރިންނަށް އެ ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ، ކުޅިވަރުގެ ރޫހާއެއްގޮތަށް ނެޓްބޯޅަ ކުރިއަށް ގެންދިޔުމާއި، ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކޮށް ކުޅުދުއްފުށީ ސިޓީގެ ޒުވާނުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމެވެ.