ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އާއި ގުޅުވައި މީސްމީޑިއާގައި ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް، އެ ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ އަލީއަށް އަމާޒުކޮށް އިންޒާރުދީ، ފުރައްސާރަކޮށް އަދި ރިޝްވަތުގެ ތުހުމަތު އަޅުވަމުންދާ މައްސަލަ އެ ހޮސްޕިޓަލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކޭއާރުއެޗުން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމައާ ގުޅޭގޮތުން ހިނގައިދިޔަ ކަމަށް ބުނާ ހާދިސާއަކާ ގުޅުވައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަދަކަމުން އެ ކުއްޖާ މަންމަގެ އަތުން އަތުލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާއި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މި މައްސަލައަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިވަގުތު ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، ސަރުކާރުގެ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

Ad
rt

ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި އެއްވެސް ހަގީގަތެއް ބެލުމެއްނެތި ފަތުރަމުންދާ ދޮގު ވާހަކަތަކަކީ އެކަމުގެ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައި ބަޔަކު ކުރާ މަސައްކަތްތަކެކެވެ. ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އަސާސީ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށް ކުރެވޭ ނާޒުކު ތުހުމަތުތަކަކީ ހަމައެކަނި ގާނޫނީ އަދި ތަހުގީގީ އިދާރާތަކުގެ ތެރެއިން ބަލައި ހައްލުކުރަންޖެހޭ ކަންކަން ކަމަށްވާތީ، އަމިއްލަ ލަފާތަކާއި ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން، މި ހާދިސާއާ ގުޅުވައިގެން ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނާޒިމާ އަލީއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އިންޒާރުދީ، ބަދުބަސް ބުނެ، ނޭދެވޭ އަދި ބޭއަދަބީ މެސެޖުތައް ފޮނުވުމާއި، ރިޝްވަތު ނެންގެވި ކަމުގެ ދޮގު ތުހުމަތުތައް ކުރަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަމަށް ކޭއާރުއެޗުން ބުންޏެވެ. އަދި ސީއީއޯއަށް އަނިޔާއެއް ދޭނެކަމުގެ އިންޒާރު ދިނުމާއި، ބިރުދެއްކުމާއި ފުރައްސާރަކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން، އިންޓަނެޓާއި ސޯޝަލް މީޑިއާގައި ދައުރުވާ އަސްލެއްނެތް އަދި ސާބިތުނުހިފޭ ވާހަކަތަކަށް ބުރަނުވެ، ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް ބަރޯސާވުމަށް ކޭއާރުއެޗުން ވަނީ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކޮށް ހަނދާންކޮށްދީފައެވެ.