ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު ދުނިޔޭގެ ސަމާލުކަން ހޯދި ކޭޕް ވާޑްގެ އުމުރުން 40 އަހަރުގެ ގޯލްކީޕަރު ވޮޒީނިއާ، ޗިލީގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ކޮލޯ-ކޮލޯއާ ރަސްމީކޮށް ގުޅިއްޖެއެވެ.
މީގެ ކުރިން ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ޗާވްސް ފަދަ ކުދި ކްލަބްތަކަށް ކުޅެމުން އައި ވޮޒީނިއާ މިދިޔަ އަންގާރަ ދުވަހު ވަނީ ކޮލޯ-ކޮލޯގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ވޮޒީނިއާ ބުނީ، އޭނާ އަބަދުވެސް ގަބޫލުކުރަނީ އޭނާއަކީ ބޮޑު ކްލަބަކަށް ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށެވެ. "ކުދި ލީގުތަކުގައި ކުޅުނު ނަމަވެސް، އަހަރެންގެ ހިތުގެ އަޑިން އަބަދުވެސް ބުނަމުންދިޔައީ އަހަރެންނަކީ 'ބޮޑު ކްލަބް' ތަކުގެ ކުޅުންތެރިއެއް ކަމަށް. އެހެންކަމުން ކޮލޯ-ކޮލޯގެ ހުށަހެޅުން ލިބުމުން އެއްވެސް ޝައްކެއް ނެތި އެކަން ގަބޫލުކުރިން،" ވޮޒީނިއާ ބުންޏެވެ.
ކޮލޯ-ކޮލޯއިން ވޮޒީނިއާ ސޮއިކުރިކަން ޖުލައި މަހުގެ ފަހުކޮޅު އިއުލާނުކުރި ނަމަވެސް، އޭނާ ޓީމާ ގުޅުން ލަސްވީ ބައެއް ސަބަބުތަކާ ހުރެއެވެ. ޖޮސިމާ އެވޯރާ ޑިއަސްގެ ނަމުން މަޝްހޫރު މި ކުޅުންތެރިޔާ ބުނިގޮތުގައި އެހެން ގިނަ ހުށަހެޅުންތަކެއް ލިބުނު ނަމަވެސް އޭނާގެ ފުރަތަމަ އިސްކަމަކީ އަބަދުވެސް ޗިލީގެ މި ކްލަބެވެ. ޕޯޗުގީޒް ބަހުން "މާމަ" އަށް ނިސްބަތްކޮށް ކިޔާ "ވޮޒީނިއާ" އަކީ އޭނާ މުޅި ދިރިއުޅުމުގައި ބޭނުންކުރަމުން އައި ނަމެކެވެ.
މި އެއްބަސްވުން ނިންމުމުގައި ޗިލީގެ ފުޓްބޯޅަ ގަވާއިދުތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވިއެވެ. އެ ގައުމުގެ ގަވާއިދު ބުނާގޮތުން ޖާޒީގައި ޖަހަންޖެހޭނީ ކުޅުންތެރިޔާގެ އަސްލު ނަމެވެ. ނަމަވެސް ޗިލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ވޮޒީނިއާއަށް ޚާއްސަ ހުއްދައެއް ދީފައެވެ. ވޮޒީނިއާ ބުނީ މި ނަމަކީ އޭނާގެ މާމައަށް ކުރާ އިހުތިރާމެއްގެ ގޮތުން ބޭނުންކުރާ ނަމެއް ކަމަށާއި، މިއަދު އޭނާގެ މާމަ ދުނިޔޭގައި ހުރިނަމަ މި ކާމިޔާބީއަށް ފަހުރުވެރިވާނެ ކަމަށެވެ.
ވޯލްޑް ކަޕްގައި ސްޕެއިން، އުރުގުއޭ އަދި އާޖެންޓީނާ ފަދަ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ދެއްކި މޮޅު ކުޅުމާއެކު، ވޮޒީނިއާގެ ސޯޝަލް މީޑިއާ ފޮލޯވަރުން ވަނީ 50،000 އިން 30 މިލިއަނަށް އިތުރުވެފައެވެ. އަދި އޭނާ ވަނީ ވޯލްޑް ކަޕްގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ. އާދީއްތަ ދުވަހު ސަންތިއާގޯ އެއާޕޯޓަށް ވޮޒީނިއާ ފޭބުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މެޑިކަލް ޓެސްޓުތަކަށްފަހު ކޮންޓްރެކްޓްގައި ސޮއިކޮށް، މިހާރު ޓީމާއެކު ފަރިތަކުރުންތައް ފަށާފައިވާ ވޮޒީނިއާގެ ފުރަތަމަ މެޗަކަށް ވެގެންދާނީ އަންނަ އާދީއްތަ ދުވަހު ލީގުގެ އެއްވަނައިގައި އޮތް ކޮލޯ-ކޮލޯ އާއި ޔޫނިއަން ލާ ކަލޭރާ ބައްދަލުކުރާ މެޗެވެ. އޭނާ ބުނީ ވޯލްޑް ކަޕަކީ މާޒީ ކަމަށާއި، މިހާރުގެ އަމާޒަކީ ބުރަކޮށް މަސައްކަތްކޮށް ކޮލޯ-ކޮލޯއަށް ކާމިޔާބީ ހޯދައިދިނުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!