މާލެއަށް ދަތުރުކުރި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންގޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް 248,500 ރުފިޔާ އާއި އެ ފޮށީގައި ހުރި ފައިސާއިން ގަނެފައިވާކަމަށް ބެލެވޭ ފޯނެއް ފުލުހުން ހޯދައިދީފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 2 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ގެއްލުނު ފޮށީގައި ތިންލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، ތަހުގީގުގެ ތެރެއިން އެ ފޮށި ވަގަށްނެގި މީހާ ދެނެގަނެ، ފޮށި ގެންދިޔަ ތަން ހޯދާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި އޮގަސްޓު 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ، ސެވެންސްޓަރ، ޢަލީ ނާޡިމް (44އ) އެވެ. އޭނާ ހައްޔަރުކޮށް، ވަގަށްނެގި ފޮށި ހޯދައި ބަލައިފާސްކުރިއިރު 248,500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7,000 ރުފިޔާގެ މޯބައިލް ފޯނެއްވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!