ކުޅުދުއްފުށީ ރަނާސް އިން އިންތިޒާމް ކޮށްގެން ބާއްވާ "ކުޅުދުއްފުށި K5" ގެ ދެވަނަ ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލުމާއެކު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ފޯރިގަދަ ހަރަކާތްތަކަކާއެކު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރޯޑު ރޭސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށެވެ.

Ad
rt

މިއީ ކުޅުދުއްފުށި K5 ބާއްވާ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު ބޭއްވި މި ދުވުމުގެ ފުރަތަމަ ރޭހަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން ކުޅުދުއްފުށި ސިޓީގެ އިތުރުން ކައިރި ރަށްރަށާއި، މާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެ ރޭސް ނިންމައި މެޑަލް ހާސިލްކޮށްފައިވެއެވެ.

މި ދުވުމުގައި މައިގަނޑު ދެ ކެޓަގަރީއެއް ހިމެނެއެވެ. އެއީ 5 ކިލޯމީޓަރުގެ ދިގު ދުވުމާއި، ކުޑަކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ފަން މައިލް އެވެ. މީގެ އިތުރުން، މި ދެ ކެޓަގަރީގައި އެއްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ކޮމްބޯ ޕެކް" ގެ ނަމުގައި އާ ޕެކޭޖެއް މިފަހަރު ވަނީ ތައާރަފުކޮށްފައެވެ. ރޭސް ނިންމާ ކޮންމެ ބައިވެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފައިވާއިރު، 5 ކިލޯމީޓަރުގެ ދުވުމުން ވަނަވަނައަށް އަންނަ ފަރާތްތަކަށް ޓްރޮފީއާއި ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ.

ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ވަކިންނެވެ. އެގޮތުން އެއްވަނައަށް 1،500 ރުފިޔާ، ދެވަނައަށް 1،000 ރުފިޔާ އަދި ތިންވަނައަށް 500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު 19 ޖޫން 2026 ގައި ހުޅުވާލާފައިވާއިރު، ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް https://tinyurl.com/kf5k2026 މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މި ހަރަކާތާ ގުޅޭ އިތުރު މައުލޫމާތު ކުޅުދުއްފުށީ ރަނާސްގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުން ލިބެން ހުންނާނެކަމަށް ކުޅުދުއްފުށީ ރަނާސް އިން ވަނީ ބުނެފައެވެ.

މިއީ ދުޅަހެޔޮ ސިއްހަތެއް ކުރިއެރުވުމަށާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި ކުޅުދުއްފުށި ސިޓީގައި ބޭއްވޭ ދުވުމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ.