ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން އިންތިޒާމުކޮށްގެން މާދަމާ ހާއްސަ ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ އާންމުންގެ ސިއްހީ ހާލަތު ދެނެގަތުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad
rt

މި ސްކްރީނިން ޕްރޮގްރާމް އޮންނާނީ 31 ޖުލައި 2026 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އިން 18:00 އަށް، ގަލަދުން ޕާކް ސަރަހައްދުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ ސިއްހީ ޓެސްޓުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޭއާރުއެޗުން މައުލޫމާތު ދެއެވެ.

ސްކްރީނިން ޕްރޮގްރާމްގައި ހިމެނޭ މުހިންމު ކަންތައްތައް:

މި ޕްރޮގްރާމްގެ ދަށުން ބްލަޑް ޕްރެޝަރ ބެލުމާއި، ލޭގައި ހަކުރު ހުރި މިންވަރު ބެލުން (ޖީ.އާރު.ބީ.އެސް) ކުރިއަށްދާނެއެވެ. މީގެ އިތުރުން އިސްކޮޅާ އެއްވަރުގެ ބަރުދަނެއް ހުރިތޯ ބެލުމާއި، ހަށިގަނޑުގެ މަސްގަނޑުގައި ސަރުބީ ހުރި މިންވަރު ބެލުމުގެ ހިދުމަތްވެސް ފޯރުކޮށްދެވޭނެއެވެ.

މި ހަރަކާތުގެ ތެރެއިން ޓެސްޓުތައް ހަދާ ފަރާތްތަކަށް އެ ފަރާތެއްގެ ސިއްހީ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، ސިއްހީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭ އިރުޝާދު ދިނުންވެސް ކުރިއަށްދާނެއެވެ.

ކޭއާރުއެޗުން ވަނީ ވީހާވެސް ގިނަ ބަޔަކު މި ސްކްރީނިން ޕްރޮގްރާމްގައި ބައިވެރިވެ، އަމިއްލަ ސިއްހަތަށް ހުރި ނުރައްކާތައް ދެނެގަތުމަށް އިލްތިމާސްކޮށްފައެވެ.