މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ޚިޠާބަކީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތާއި، އެކަންކަން އިޞްލާޙުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން މުސްތަޤުބަލުގެ ރޭވުންތައް ހާމަކޮށްދެއްވުމަށް ބިނާކުރެއްވި ވާހަކަފުޅެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިނިވަން ދުވަހުގެ ޚިޠާބާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ވިދާޅުވާ ކަމަށެވެ. އަދި ޚިޠާބުގައި މާޒީގެ ޙާލަތު ބަޔާންކޮށްދެއްވީ މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް އޮތް ތަނުގެ ޕްލޭންތައް ރައްޔިތުންނަށް ސާފުކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމާއި އެ ޤައުމެއްގެ ޚާރިޖީ ސިޔާސަތަކީ އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ކަންކަން ކަމަށެވެ. އެހެންކަމުން މިނިވަން ދުވަހުގެ ޚިޠާބުގައި ޚާރިޖީ ސިޔާސަތުގެ ވާހަކަ ތަފްޞީލުކޮށް ގެނެސްދެއްވީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ބަޔާންކުރެއްވިއެވެ.
"މިނިވަން ދުވަހު އެމަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ، މާޒީގައި ކަން ހިނގާފައި އޮތް ގޮތާއި، އަޅުގަނޑުމެން އެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ގޮތާއި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ކަންކަން ޕްލޭންކުރެވިފައި އޮތް ގޮތް ބަޔާންކޮށްދެއްވުމުގެ މައްޗަށް" ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ ހިތާބުގައި ރައީސް ވަނީ މި ސަރުކާރުގެ ސިޔާސަތާއި ކުރީގެ ބައެއް ވެރިކަން ތަކުން އެކަންކަމުގައި ގެންގުޅު ސިޔާސަތުތައް ފާހަގަކުރަށްވާފައެވެ. މީގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުތަކުން އެކަންކަމުގެ މައްޗަށް ގެންގުޅުނު ސިޔާސަތުތައް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އިސްރާއީލް ފަލަސްތީނު މައްސަލައާއި، ރާއްޖޭގެ ދެކުނުން ކަނޑުގެ ބައެއް ދޫކޮށްލުން ފަދަ ކަންކަން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!