އީރާނުން އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކެއްގެ ބަދަލުހިފުމުގެ ގޮތުންކަމަށް ބުނެ، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކަކީ އުރުދުންގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ދިން ހަމަލާތަކެކެވެ.

Ad
rt

ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެތައް މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި އަސްކަރީ ކޮމާންޑް ސެންޓަރުތަކާއި، މިސައިލާއި ޑްރޯން އުފައްދާ މަރުކަޒުތަކުގެ އިތުރުން އައްސޭރިފަށުގެ ސަވައިލަންސް އަދި ޑިފެންސް ސައިޓްތައް ހިމެނެއެވެ. މި ހަމަލާތައް ބޮޑަށް އަމާޒުކޮށްފައިވަނީ ހޮރްމޫޒް ކަނޑުއޮޅި އާއި ފާރިސީ ކަނޑުއޮޅި ސަރަހައްދުގައި ހުރި އީރާނުގެ އަސްކަރީ ވަސީލަތްތަކަށެވެ.

އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގިޝްމް އައިލެންޑްގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އެމެރިކާގެ ހަމަލާއެއް ވަނީ އަރާފައެވެ. މި ހަމަލާގައި ދެމަފިރިއަކާއި އެމީހުންގެ ދެ އަހަރުގެ ދަރިފުޅު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން އިމާރާތުގެ ކުނިތަކުގެ ދަށުގައި ބައެއް މީހުން ތާށިވެފައިވާތީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ހަމަލާތަކުގެ އަޑުތައް ބަންދަރު އައްބާސް ފަދަ ބޮޑެތި ސިޓީތަކަށް އިވިފައިވާއިރު، ކީޝް އައިލެންޑާއި، ފާރްސް ޕްރޮވިންސްގެ ކަޒޭރޫން އަދި އީރާނުގެ ތެލުގެ ސިނާއަތުގެ މަރުކަޒު ކަމަށްވާ ހޫޒިސްތާން ޕްރޮވިންސްގެ އަބާދާން ސަރަހައްދަށް ވެސް ހަމަލާތައް އަމާޒުވި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތަކާ ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވިދާޅުވެއެވެ.

މި ހަމަލާތަކުގެ ކުރިން އެމެރިކާ އާއި ސައުދީ އަރަބިއްޔާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ވެސް ވަނީ ހަމަލާދީފައެވެ. އެ ހަމަލާތަކުގައި 20 ހަނގުރާމަވެރިންނާއި އީރާނުގެ އަސްކަރީ ހަތަރު އެޑްވައިޒަރުން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިރާގު ސަރުކާރުން ވަނީ އެގައުމުގެ ސަރަހައްދަށް ދިން މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ މެދުވެރިވުމާއެކު ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިޒްރޭލު ސިފައިން ފަލަސްތީނުގެ ދެ މީހަކު މަރާލައި އިތުރު ބަޔަކު ޒަހަމްކޮށްލާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.