ރާއްޖޭގައި އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް)، މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުގައި ބުނާގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން ވަނީ ހިމަބިހީގެ އައު 20 ކޭހެއް ފެނިފައެވެ. މިއާއިއެކު މި ބަލި ޖެހުނު މީހުންގެ އަދަދު 186 އަށް އަރާފައިވާކަމަށް މި ތަފާސްހިސާބުތަކުން ދައްކައެވެ.

Ad
rt

އެޗްޕީއޭއިން ވަނީ ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިނުވާކަން ޔަގީންވާ ފަރާތްތަކުން ވެކްސިންދޭ މަރުކަޒަކަށް ގޮސް ވެކްސިން ފުރިހަމަކުރުމަށް އެދިފައެވެ. އަދި ބަލިޖެހިފައިވާ މީހަކާއި ކޮންޓެކްޓްވި، ދެ ޑޯޒް ފުރިހަމަނުކުރާ މީހަކުނަމަ ލަސްނުކޮށް ކޮންޓެކްޓަރުންނަށް ވެކްސިން ޖަހަން ކަނޑައަޅާފައިވާ ވަގުތުގައި ވެކްސިން ފުރިހަމަކުރުމަށް އެ އެޖޭންސީން ވަނީ ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން ވަނީ ހުންއައިސް ގައިގައި ރަތްބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ސައްކުވެގެން ޓެސްޓް ހެދިނަމަވެސް ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށް އެދިފައެވެ. އަދި އެފަދަ މީހަކު ފަރުވާ ހޯދުމަށް ސިއްޚީ ޚިދުމަތްދޭ ތަނަކަށް ދާނަމަ މާސްކް އެޅުމަށް ވެސް އެ އޭޖެންސީން ވަނީ އެދިފައެވެ.

މީގެ އިތުރުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ މީހުން އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުން، 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބަލި ފެތުރުން ހުއްޓިފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން 2017 ވަނަ އަހަރު ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް އެއިގެފަހުން އެކި ދުވަސްވަރުމަތިން މި ބަލީގެ ކޭސްތައް ރާއްޖެއިން މަދުމަދުން ފެންނަމުން އައިސް މި އަހަރުތެރޭ މި ބަލި ފެތުރުން ވަނީ އިތުރުވެފައެވެ.

މި ބަލީގެ ނުރައްކާ އިތުރުވުމުން ބައްޔަށް ވެކްސިން ދިނުމުގެ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާއިރު، މިހާތަނަށް 12،000 މީހަކަށް ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވެހިރާއްޖޭގައި އެމްއާރު ވެކްސިން 1983 ވަނަ އަހަރު ތަޢާރަފް ކޮށްފައިވާއިރު، މިހާރުގެ ޤައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން 9 މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެވެމުންދެއެވެ.