ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާއާއި، ގޭންގް މާރާމާރީތަކުގެ އިތުރުން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާނަވީ ގޮތެއްގައި ނަތީޖާ ނެރެދެވޭނެ މަސައްކަތްތަކެއް ކުރި ބަޔަކު މީގެ ކުރިން ރައްޔިތުންނަށް ފެނިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ގައުމު ހަވާލުވިއިރު ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މިއީ އެތައް ޒަމާނެއް ވަންދެން ގައުމު ގޮސްފައި އޮތް ހިސާބު ކަމަށެވެ. އަދި މިނިވަންކަން ފުރިހަމަވަނީ ދާޚިލީ ގޮތުންވެސް މިނިވަންކަން އޮތް މިންވަރު ކަށަވަރު ކުރެވިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad
rt

ރައީސް ވިދާޅުވީ ޑްރަގުގެ މައްސަލައާއި ގޭންގް ކުށްތަކުގެ އިތުރުން ބިދޭސީންގެ މައްސަލަ އޮތީ ބޮއްސުންލާފައި ކަމަށެވެ.

"ޑްރަގުގެ ވަބާއަށް ބަލާއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ޑްރަގުގެ މައްސަލައަކީ، ބޮޑުވެގެންވާ މައްސަލައެއް. ގޭންގް މާރާމާރީތަކާއި، ގޭންގްތަކުން ހިންގާ ކުށްތައް އިންތިހާއަށް ގިނަވެފައި. ނުގަވާއިދުން އުޅޭ ބިދޭސީންގެ ޢަދަދު، އެ ފަރާތްތަކުން ކުރާ ކަންކަން އޮތީ ބޮއްސުންލާފައި. މިކަންކަމަށް އަޅައިލި ބަޔަކު، މިކަންކަން ޙައްލުކުރަން މާނަވީގޮތެއްގައި، ނޫނީ ނަތީޖާ ނެރެދެވޭނެ ގޮތެއްގައި ކުރި ފަރާތެއް އެއީ، ރައްޔިތުންނަށް ފެނިފައި ނުވާ ފަރާތްތަކެއް މީގެކުރީގައި،" ރައީސް ވިދާޅުވިއެވެ.

މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުގެ ދާޚިލީ ސިޔާސަތު ބަދަލުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޑްރަގް ޓްރެފިކިންއަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު މިހާރު އަމަލީ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. އަދި ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތްތަކުން ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ސަރުކާރުގެ މި ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި، ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ބޭރުގެ އެކުވެރި ގައުމުތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ހަގީގީ މިނިވަންކަން އިހްސާސް ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.