ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ދޫކޮށްލާފައިވަނީ ވަރަށް ފިނޑި، ޣައިރު ޤާނޫނީ އަދި ބޭއިންސާފުވެރި ގޮތެއްގައި ސިއްރުސިއްރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގެވެސް ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ އެ ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމުގެ މައިގަނޑު އަސާސް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެކަމަށްޓަކައި ޚާއްޞަ ސަރަޙައްދުތަކާ ބެހޭ އޮފީހެއް ޤާއިމުކޮށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''އަޅުގަނޑުމެން މިހާރު ވާނެ ސަރަޙައްދުތަކާބެހޭ އޮފީހެއް ޤާއިމުކޮށްފައި. މި ސަރަޙައްދުތަކާ ބެހޭ އޮފީހުން މަސައްކަތް ވަނީ ފަށާފައި. މިދިޔަ އެމް.ޑީ.ޕީ. ސަރުކާރުން ޣައިރު ޤާނޫނީގޮތުގައި، ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތެއްގައި، އަޅުގަނޑުމެންގެ ކަނޑުން ބޮޑުބައެއް ސިއްރުސިއްރުން ދޫކޮށްލި. ވަރަށް ބޭއިންޞާފުވެރި ގޮތެއްގައި. އެކަން ބަދަލުކޮށް، އެ ކަނޑުގެ ބައި އަނބުރާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާފައި މިވަނީ.'' ރައީސް ވިދާޅުވެފަވެއެވެ.
ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމުގެ ތާރީޚީ ހެކި އެބަހުރި
ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ތާރީޚީ ލިޔެކިޔުންތަކުން، ޚާއްޞަކޮށް 9 ވަނަ ޙަސަން ރަސްގެފާނުގެ ލިޔުންތަކުން ސާފުކޮށް އެނގެން އޮތް ކަމަށެވެ. އެހެންކަމުން، އެ ތަން އެހެން ބަޔަކާ ހަވާލުކުރާނަމަ، އޭގެ ޙަޤީޤީ މިލްކުވެރިންނާ ހަވާލުކުރަންޖެހޭނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެކަމުގައި ޤައުމީ ރޫޙެއްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ޤާނޫނުއަސާސީއަށް ގެނައި މުހިންމު އިޞްލާޙުތައް
ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލުތަކުގެ މައްޗަށް ރައީސް ބައްލަވައިލެއްވިއެވެ. އެގޮތުން، ރާއްޖޭގެ ސަރަޙައްދަށް އުނިކަމެއް އަންނަ ފަދަ ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ އަޣްލަބިއްޔަތުން ކަމަށް މިހާރު ބަދަލުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. މީގެ ކުރިން މިއަދަދު އޮތީ ތިންބައިކުޅަ ދެބައިގައެވެ.
މީގެ އިތުރުން، ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭގޮތުން ގެނައި އިޞްލާޙާ ބެހޭގޮތުން ރައީސް ވިދާޅުވީ، "އެންމެ މިލިޓްރީ ބޫޓުކިބައެއްވެސް މިތާ ބެހެއްޓޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތުން ފާސްކޮށްގެން" ކަމަށެވެ. ކުރިން އޮތް ގޮތުން މަޖިލީހުގެ ރުހުން ހޯދަންޖެހެނީ ހަމައެކަނި އަސްކަރީ ބޭސްއެއް ހަދާނަމަ ނަމަވެސް، މިހާރު އެކަން ހަރުދަނާކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އިންޑިޔާ ސަރުކާރުގެ އެއްބާރުލުމާއެކު ރާއްޖޭގައި ތިބި އެ ޤައުމުގެ ސިފައިން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކުރާ މިފަދަ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ކީއްވެތޯ ސުވާލު އުފައްދަވައި، އެ ފަރާތްތަކުން ކުރާ ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ވިދާޅުވެ ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!