ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހޯމް ގާރޑެނިންގ، ހައިޑްރޮޕޯނިކްސް އަދި ވާޓިކަލް ފާމިންގ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އެސް.އެމް.އީ ޑިޖިޓަލްގެ "ވިލުންވެށި" ގްރާންޓަށް އެދި ހުށަހަޅާނެ ގޮތުގެ ތަފްޞީލު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަނަކީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމުގެ ބައިވެރިންނަށް އަމާޒުކޮށްގެން ރޭ ކުރިއަށް ގެންދިޔަ އޮންލައިން ސެޝަނެކެވެ.
މި ސެޝަންގެ މައިގަނޑު ބޭނުމަކީ ވިލުންވެށި ގްރާންޓަށް އެދި ހުށަހަޅާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނުމެވެ.
މި އޮންލައިން ސެޝަންގައި ވިލުންވެށި ގްރާންޓްގެ އިތުރުން، އެސް.އެމް.އީ ޑިޖިޓަލް އިން ފޯރުކޮށްދޭ އެހެނިހެން ގްރާންޓްތަކާއި، ލޯނު ސްކީމްތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.
މީގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދޭނެ މަގުތައް އޮޅުންފިލައިގެން ދިޔަކަން ކައުންސިލުން ފާހަގަކުރެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ ގޭގައި ތިބެގެން ދަނޑުވެރިކަން ކުރުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ހިންގާ މުހިންމު ހަރަކާތްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!