ވޯލްޑް ކަޕް 2026 މުބާރާތުގެ ފައިނަލްގައި ސްޕެއިން އަތުން ބަލިވި މެޗަށްފަހު، ދަނޑުމަތީގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އާޖެންޓީނާގެ ކުޅުންތެރިންގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފީފާއިން ހޯމަ ދުވަހު ބުނެފިއެވެ.

އާދިއްތަ ދުވަހު ކުޅުނު ފޯރިގަދަ ފައިނަލް މެޗު 1-0 އިން ކާމިޔާބުކޮށް ސްޕެއިން އިން ތަށި އުފުލާލި ވަގުތު، ދަނޑުމަތީގައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ.

Ad
rt

ވީޑިއޯ ރިޕްލޭތަކުން ފެންނަ ގޮތުގައި މެޗު ނިމުނުކަން އަންގައިދޭ ރެފްރީގެ ފަހު ކަަށިގަނޑު ފުމެލުމާއެކު، ސްޕޭންގެ ބެންޗުގައި ތިބި ކުޅުންތެރިން އުފާފާޅުކުރުމަށް ދަނޑުމައްޗަށް އެރި ވަގުތު، ބަލިވި އާޖެންޓީނާގެ ކުޅުންތެރިންގެ މެދުގައި އުފެދުނު ނުތަނަވަސްކަން ބޮޑުވެ، މާރާމާރީއަކަށް ބަދަލުވިއެވެ.

މި ހަމަނުޖެހުން ފެށުނީ އާޖެންޓީނާގެ މިޑްފީލްޑަރު މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑޭސް ވަނީ ސްޕެއިންގެ އެރިކް ގާސިއާގެ ކަރުގައި ހިފާ ކޮށްޕާލާފައެވެ. އަދި މިކަމުގެ ތެރެއަށް ސްޕެއިންގެ ގަވީ ވަންނަން އުޅުމުން، ޕަރެޑޭސް ވަނީ އޭނާ ކޮށްޕާ ބިމަށް ވައްޓާލާފައެވެ. މިއާއެކު ދެ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މެދުގައި ބޮޑު ކުރިމަތިލުމެއް ހިނގައި، އެކަކު އަނެކަކު ގައިގައި އަތްލައި، ބައެއް ކުޅުންތެރިން މުށްކަވާފައި ހަމަލާދީފައިވެއެވެ.

މީގެ އިތުރުން، ސްޕެއިންގެ ކެޕްޓަން ރޮޑްރީ އުފާފާޅުކުރަން ދަނިކޮށް އާޖެންޓީނާގެ ޑިފެންޑަރު ނަހުއަލް މޮލީނާ އޭނާގެ ބަނޑުގައި ޖެހި މަންޒަރުވެސް ވަނީ ފެނިފައެވެ. އަދި މެންޗެސްޓަރ ސިޓީގައި ރޮޑްރީއާއެކު ކުރިން ކުޅުނު ނިކޮލަސް އޮޓަމެންޑީ ވެސް ވަނީ ރޮޑްރީއާ ދިމާލަށް ގޮސް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

މި ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދީ ހުއްޓުވުމަށް އާޖެންޓީނާގެ ހެޑް ކޯޗު ލިއޮނަލް ސްކަލޯނީ އާއި ބައެއް އެހެން ކުޅުންތެރިން މަސައްކަތް ކުރިއެވެ.

އާޖެންޓީނާ ކުޅުންތެރިން ސްޕޭން ކުޅުންތެރިންނަށް ހަމަލާދީ ބޮޑު މާރާމާރީއެއް ހިންގައިފި

ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޗަށްފަހު ހިނގާދިޔަ ކަންތައްތަކުގައި ފީފާގެ ޑިސިޕްލިނަރީ ކޯޑާ ޚިލާފުވެފައިވާކަމަށް ބެލެވޭތީ، އެކަން ތަހުގީގު ކުރުމަށް ޑިސިޕްލިނަރީ އެންޑް އެތިކްސް ޕްރޮސެކިއުޓަރެއް އައްޔަންކޮށްފައިވާ ކަމަށެވެ. މި ތަހުގީގު ނިންމާނެ ވަކި ތާރީޚެއް ފީފާއިން ހާމަކޮށްފައި ނުވި ނަމަވެސް، މެޗަށްފަހު ރަތް ކާޑެއް ނުދެއްކި ނަމަވެސް ޕަރެޑޭސްއަށް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި މެޗުގައި އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން، އާޖެންޓީނާއިން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުގައެވެ.

މީގެ އިތުރުން، ސްޕެއިންގެ ކުޅުންތެރިން ތަށި އުފުލާލި ވަގުތު، އާޖެންޓީނާގެ ކުޅުންތެރިން ސްޕެއިންގެ ޓީމަށް ފުރަގަސްދީގެން ތިބި މަންޒަރު ފެނިފައިވެއެވެ. މިއީ ޗެމްޕިއަނުންނަށް އިހުތިރާމް ކުޑަކުރުމުގެ އާދަޔާ ހިލާފު އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އެއީ ސްޕެއިންގެ ކުޅުންތެރިން ވަނީ އާޖެންޓީނާގެ ކުޅުންތެރިން މެޑަލް ބަލައި ދިޔަ ވަގުތު "ގާޑް އޮފް އޮނާ" އެއް ދީފައެވެ.