ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ ރައީސަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ފަށްޓަވާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ފުރަތަމަ ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައިގެން ސަރުކާރު ހިންގެވުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

Ad
rt

މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކަށެވެ. އެއީ:

- ހޯރަފުށި ދާއިރާ
- ހުޅުމާލެ އުތުރު ދާއިރާ
- ހުޅުމާލެ މެދު ދާއިރާ
- ހުޅުދޫ ދާއިރާ

މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވާ "ރައްޔިތުންގެ އަޑު" ޕޯޓަލް (https://rayyithungeadu.presidency.gov.mv/login/efaas) މެދުވެރިކޮށް ނަން ނޯޓުކުރެވޭނެއެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމާ ގުޅޭ އުސޫލުތައްވެސް އެ އޮފީހުގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެކަމަށް އެ އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ.

މިފަދަ ޕްރޮގްރާމެއް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންގެ ގާތަށް ވަޑައިގެން، ވަކިވަކި ދާއިރާތަކުގެ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ޝުޢޫރުތައް އައްސަވަން ބޭނުންފުޅުވާ ކަމަށެވެ.

މި ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައާއި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގައި ރައްޔިތުންގެ ސީދާ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.