ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދިވެހިރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަދިޔާކުރުމަށްޓަކައި މިއަދު ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޔުނިސެފުން ވެދެއްވި މި ދީލަތި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ މީސަލްސް ނުވަތަ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ވަޒީރު ވަނީ މިހާތަނަށް ހިންގި ވެކްސިން ޕްރޮގްރާމްގެ ދަށުން 5,400 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާކަން ފާހަގަކުރަށްވައި، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ލެބޯޓްރީ ޓެސްޓްތައް އިތުރުކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ރާއްޖެއިން ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް 121 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 55 ކޭސް ފެނިފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ޖުމްލަ 5,495 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ޔުނިސެފްގެ އެހީގެ އިތުރުން، ދާދިފަހުން އިންޑިއާ ސަރުކާރުންވެސް ވަނީ ރާއްޖެއަށް 20,000 ޑޯޒުގެ މީސަލްސް ވެކްސިންއާއި 3 ޓަނުގެ ސިއްޙީ އާލާތްތައް ހަދިޔާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!