ހދ. މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން، އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ފައިސާގެ އިނާމަކާއި ގިފްޓް ޕެކެއް ދިނުމަށް މަކުނުދޫ ކައުންސިލުން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ މަކުނުދޫ ކައުންސިލްގެ ފަސްވަނަ ދައުރުގެ އަށްވަނަ އާންމު ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ވަނީ މަކުނުދޫގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން އެރަށުގެ ރަޖިސްޓްރީއަށް ބަދަލުވުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ކެމްޕޭނާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެކަން ކުރިއަށްގެންދާނެ ގޮތްތަކެއް ކަނޑައަޅާފައެވެ.
ކައުންސިލްގެ މި ނިންމުމުގައިވާ ގޮތުން، ކައުންސިލުން އިޢުލާންކުރާ ތާރީޚުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި މަކުނުދޫ ރަޖިސްޓްރީއަށް ބަދަލުވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނެގޭނެއެވެ. މި ގުރުއަތުން ހޮވޭ ފަރާތަކަށް 5,000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި އެރަށު ރަޖިސްޓްރީއަށް ބަދަލުވާ ކޮންމެ ފަރާތަކަށް 150 (ސަތޭކަ ފަންސާސް) ރުފިޔާގެ ގިފްޓް ޕެކެއް ދިނުމަށްވެސް ކައުންސިލުން ވަނީ ނިންމާފައެވެ.
ރަޖިސްޓްރީ ބަދަލުކުރުމުގެ މަރުހަލާ ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ފޯމު ފުރުމާއި އެހެނިހެން އިދާރީ ކަންކަމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، އަދި އައިޑީ ކާޑު ހެއްދުމަށް ދައްކަންޖެހޭ ފީވެސް ކައުންސިލުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމާފައެވެ.
މި ހުށަހެޅުން ފާސްވެފައިވަނީ ކައުންސިލްގެ ތިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކައުންސިލްގެ މި ފިޔަވަޅަކީ ރަށުގެ އާބާދީ އިތުރުކުރުމަށާއި، ރަށުގައި ދިރިއުޅޭ ފަރާތްތަކަކީ އެރަށެއްގެ ރަޖިސްޓްރީގައި ތިބި ބަޔަކަށް ހެދުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
މިދިޔަ މެއި މަހުގެ ނިޔަލަށް މަކުނުދޫގެ އާބާދީ އަކީ 1951 މީހުންނެވެ. އެއީ 1020 ފިރިހެނުންނާއި 931 އަންހެނުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!