ފަލަސްތީނުގެ ބިންތަކަށް އިސްރާއީލުން ވެރިވެގަނެގެން އުޅޭ އުޅުން ނިމުމަކަށް ނުގެނެސް، އެ ގައުމާއެކު އާންމު ހާލަތުގެ ގުޅުމެއް ގާއިމު ނުކުރެވޭނެ ކަމަށް މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވިދާޅުވެއްޖެއެވެ.

މިސްރުގެ ރައީސް ދެއްވި ތަގުރީރެއްގައި ވިދާޅުވީ، އިސްތިއުމާރު ނިމުމަކަށް ގެނެސް، އަނިޔާވެރިކަމާއި އުދުވާން ހުއްޓުވައި، ހައްގުވެރިންނަށް އެމީހުންގެ ހައްގުތައް އަނބުރާ ހޯދައިދީގެން މެނުވީ ދެމިއޮންނަ ސުލްހައެއް ނުވަތަ ހަގީގީ ހަމަޖެހުމެއް ގާއިމު ނުކުރެވޭނެ ކަމަށެވެ.

Ad
rt

"އިންސާފުވެރި ސުލްހައަކާ ނުލައި ރައްޔިތުންގެ މެދުގައި ގުޅުންތައް އާންމު ހާލަތަކަށް ނުގެނެވޭނެ،" ސީސީ ވިދާޅުވިއެވެ.

މިސްރަކީ 1979 ވަނަ އަހަރު އިސްރާއީލާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ އަރަބި ގައުމެވެ. ނަމަވެސް ސީސީ ވިދާޅުވީ މެދުއިރުމަތީގެ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު އެކުލަވާލެވޭ ފުރިހަމަ ސުލްހައިގެ އެއްބަސްވުމެއް ކަމަށެވެ.

އިންސާފުވެރި ސުލްހައެއް ގާއިމުވުމަކީ ސަރަހައްދުގެ ރައްޔިތުންނަށް ހަމަޖެހުމާއި ތަނަވަސްކަމުގައި ދިރިއުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއް ކަމަށްވެސް ރައީސް ސީސީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާގައި އަމަލުކުރަން ފެށި "ހަނގުރާމަ ހުއްޓާލުމުގެ" އެއްބަސްވުމަށް އެއްބާރުލުން ދިނުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2025 އޮކްޓޯބަރުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް އިސްރާއީލުން ދިން ހަމަލާތަކުގައި 1،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.