މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދ. ކުޑަހުވަދޫ ޝަބްނަމީގެ، މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް މިއަދު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ފިރުޒުލް އެ މަގާމަށް އައްޔަނުކުރިކަން ކަށަވަރުކޮށްދީފައެވެ.

Ad
rt

ހައްޖު ކުންފުނީގެ ވެރިއަކަށް ހަމަޖެއްސުމާ ހަމައަށް ފިރުޒުލް ހުންނެވީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައެވެ.

މީގެ އިތުރުން އޭނާ އަކީ 2 މެއި 2024 އިން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޕޯކްސްޕަރސަންގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2024 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީގެ ކެމްޕެއިން ސްޕޯކްސްޕަރސަންގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.

ފިރުޒުލް އަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީ އަށް ކާމިޔާބުވުމާއެކު، ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ އިންތިގާލީ ކޮމެޓީގެ ތަރުޖަމާނުގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، ފިރުޒުލް އަކީ މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ޕީއެންސީގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އޭނާ ކުރިން ހުންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ވަޑައިގަތުމަށްޓަކައި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.