ވޯލްޑް ކަޕްގައި އީރާނާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެފައި ވަނިކޮށް، މިޞްރުގެ ތަރި މުޙައްމަދު ޞަލާޙްގެ ބަދަލުކުރީ ވައަތު ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް އެ ޓީމުގެ ކޯޗު ޙުސާމް ޙަސަން ބުނެފިއެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޞަލާޙްގެ ބަދަލުގައި މުޞްޠަފާ ޒީކޯ ވަނީ ކުޅެން އަރުވާފައެވެ. ކޯޗު ޙަސަން ބުނި ގޮތުގައި ޞަލާޙްގެ އަނިޔާ ޓީމުގެ މެޑިކަލް ސްޓާފުން ބަލަމުންދާ ކަމަށާއި، ޓީމު ހޮޓަލަށް އެނބުރި ދިއުމުން އިތުރު ޓެސްޓުތަކެއް ހަދާނެ ކަމަށެވެ.

Ad
rt

"އަހަރެން ޞަލާޙްއާ ވާހަކަ ދެއްކިން، އޭނާ ބުނީ އޭނާގެ ހާލު ރަނގަޅުވާނެ ކަމަށާއި އެއީ މާ ބޮޑު އަނިޔާއެއް ނޫން ކަމަށް،" ޙަސަން ބުންޏެވެ.

"އަދިވެސް މެޑިކަލް ސްޓާފުންނާ ވާހަކަ ދައްކަން ވަގުތު އެބައޮތް. އަހަރެން ގަބޫލުކުރަނީ އޭނާ އެނބުރި އަންނާނެ ކަމަށް، އަދި އޭނާ ވަނީ ހާލު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދީފައި." ކޯޗު އިތުރަށް ބުންޏެވެ.

މި މުބާރާތުގެ ނޮކްއައުޓް ބުރުގައި އަންނަ ހުކުރު ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ޞަލާޙަށް ނުކުޅެވިއްޖެނަމަ، އެއީ މިޞްރުގެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ދެރައެކެވެ. މިޞްރުން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ފުރަތަމަ ފަހަރަށް ކުރިއަށް ގޮސްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ރަން ބޫޓު ހަތަރު ފަހަރު ހޯދާފައިވާ ޞަލާޙް ވަނީ މި މުބާރާތުގައި ނިއުޒިލޭންޑް އަތުން 3-1 އިން މިޞްރު މޮޅުވި މެޗުގައި އޭނާގެ 68 ވަނަ ބައިނަލްއަގުވާމީ ލަނޑު ޖަހާފައެވެ. އުމުރުން 34 އަހަރުގެ ޞަލާޙް ވަނީ މި މުބާރާތުގައި އިތުރު ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.