ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވެނުޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީ ފޮނުއްވައި، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ. ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ވަނީ ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ.
ވެނެޒުއޭލާއަށް ބުދަ ދުވަހުގެ ރޭ އައި ރިކްޓަރ މިންގަނޑުން 7.2 އަދި 7.5 ގެ ބާރުމިނުގެ ދެ ބިންހެލުމުގައި މިހާތަނަށް މަދުވެގެން 164 މީހުން މަރުވެ، 971 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ އެކްޓިންގް ޕްރެޒިޑެންޓް ޑެލްސީ ރޮޑްރިގޭޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުންތަކެވެ.
މި ހާދިސާގެ ސަބަބުން ވެނެޒުއޭލާގެ މައި އެއާޕޯޓަށް ގެއްލުންވެ ބަންދުކުރަން ޖެހިފައިވާއިރު، ވެރިރަށް ކަރަކާސްގެ ބައެއް ސަރަހައްދުތަކުން ކަރަންޓާއި ފޯނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. މީގެ އިތުރުން ސަބްވޭގެ ޚިދުމަތާއި ގޭސް ހޮޅިތަކުން ގޭސް ދޫކުރުން ވެސް ވަނީ ހުއްޓާލާފައެވެ. ބިންހެލުމުގެ އަސަރު ބްރެޒިލްގެ އެމެޒޯން ސަރަހައްދާ ހަމައަށް ފޯރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވެނެޒުއޭލާ ސަރުކާރުން މިހާރު ވަނީ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ގެއްލުންވި ހޮސްޕިޓަލްތަކާއި ގެތައް މަރާމާތުކުރުމަށް 200 މިލިއަން ޑޮލަރުގެ ފަންޑެއް ވަނީ ގާއިމުކޮށްފައެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމަށް ރެސްކިއު ޓީމުތަކުން މިހާރު ދަނީ ހުއްޓުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އަދި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމާއި އާންމު ހާލަތަށް ގެނައުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!