ހއ. ބާރަށު ރުއްތަކަށް ޖެހޭ ބަލިން ރުއްތައް ރައްކާތެރިކުރުމުގެ ގޮތުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފޯރުކޮށްދީފައިވާ ބޭސް އެރަށު ގޭބިސީތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ބާރަށުގެ ގަސްރުކަށް ދިމާވެފައިވާ ބަލީގެ މައްސަލަ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމގެ ްސަމާލު ކަމަށް ގެނެސް އެކަމަށް އަވަސް ހައްލެއް ހޯއްދުމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ބާރަށު ކައުންސިލް ރައީސް ވަނީ ޖޫން 15 ގައި ވަޒީރު ޝިޔާމާއެކު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމާއި ގުޅޭގޮތުން ބާރަށު ކައުންސިލް ރައީސް އަލީ ޝަމީމް ކުރިން ވިދާޅުވެފައި ވަނީ އެ މައްސަލަ ހައްލުކޮށްދިނުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެދުވަހު ވަޒީރު ޔަގީންކަން ދެއްވިކަމަށެވެ.

Ad
rt

އެއަށްފަހު ބާރަށަށް ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ޓީމެއް ފޮނުއްވައި ޖޫން 23 ވަނަ ދުވަހު ވަނީ ޕެސްޓް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ޚާއްޞަ "ސިސްޓެމިކް ޕެސްޓިސައިޑް" ބޭސް ރައްކާތެރިކަމާއެކު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ދިނުމުގެ އިތުރުން، ބޭސް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ސަލާމަތީ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ. އަދި މި ބޭސް މަސައްކަތްކުރާ ގޮތާއި، ހުދު ކޫޑި އާއި ހިސްޕިޑް ބީޓްލް ނައްތާލުމުގައި މި ބޭހުގެ ނަތީޖާ ފެންނަ މިންވަރާ ބެހޭގޮތުންވެސް ވަނީ ތަފްސީލީ މައުލޫމާތު ދީފައެވެ.

ހުދު ކޫޑިއާއި ރުކުމަޑިން ރައްކާތެރިކުރުމަށް ރުއްތަކަށް އެޅުމަށް ބޭނުންވާ ބޭސް ބާރަށު ކައުންސިލާއި ހަވާލުކުރަނީ، ފޮޓޯ: ބާރަށު ކައުންސިލް

މީގެ އިތުރުން ކޫޑި އެޅުމާއި ރުކުމަޑީގެ ސަބަބުން ރަށުގެ ރުއްތަކަށް ޖެހޭ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންވާ މި ބޭސް އެރަށު ކައުންސިލާއި ވަނީ ހަވާލުކޮށްފައެވެ.

އެހެންވެ، ބާރަށު ކައުންސިލުން މިހާރު ވަނީ މި ބޭސް މިއަދުން ފެށިގެން އެރަށުގެ ގޭބިސީތަކަށް ފޯރުކޮށްދޭން ފަށާފައެވެ.

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްޞަކޮށް ރުއްތަކަށް ހުދު ކޫޑި (ވައިޓް ފްލައި) އާއި ހިސްޕިޑް ބީޓްލް ގެ ނުރައްކާ ބޮޑުވެ، އޭގެ ސަބަބުން ގަސްގަހާގެއްސަށް ލިބެމުންދާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.