ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އައު ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ރާއްޖޭގެ ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށް މިއަދު ހުޅުވާލައިފިއެވެ.
މި ލޯގޯ ފަރުމާކޮށްގެން އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅި ފަރާތަކަށް އިނާމެއްގެ ގޮތުގައި 10,000 (ދިހަހާސް) ދިވެހި ރުފިޔާ ދިނުމަށް ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީން ވަނީ ނިންމާފައެވެ.
މި ފުރުސަތަކީ ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނާއި، ކުރެހުންތެރިންނާއި، ޑިޒައިނަރުންގެ އިތުރުން ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި ސްޓޫޑިއޯތަކަށްވެސް ހުޅުވާލެވިފައިވާ ފުރުސަތެކެވެ. އެ ކޮމިޓީން ބުނިގޮތުގައި، މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޖުލައި 2026 ވާ ދުވަހުގެ 13:00 އެވެ.
ލޯގޯ ފަރުމާކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއްކަން ރަމްޒުކޮށްދިނުމާއެކު، ކުޅުދުއްފުށި ސިޓީގެ ތާރީޚާއި، ސަޤާފަތާއި، އާދަކާދަ އަދި މަސައްކަތްތެރިކަން ރަމްޒުކޮށްދޭންޖެހެއެވެ. އަދި ލޯގޯއަކީ ދެބަހުން ބޭނުންކުރެވޭ، އެހެން ފަރާތެއްގެ މަސައްކަތެއް ކޮޕީކޮށްފައިނުވާ އޮރިޖިނަލް މަސައްކަތަކަށް ވާންޖެހެއެވެ.
މީގެ އިތުރުން، ލޯގޯގައި ބޭނުންކުރަންޖެހޭ ކުލަތަކަކީ ރަން ކުލަ (#FFCC99) އަދި ގަދަ ފެހި (#003333) އެވެ. ލޯގޯ ހުށަހަޅާއިރު ބްރޭންޑިންގ ފައިލާއި، ބްރޭންޑް ތީމް ނުވަތަ ޕެޓާންސްތައްވެސް ހިމަނަންޖެހެއެވެ. ހުށަހަޅާ ލޯގޯއަކީ ސްކޭލަބަލް އަދި އެނިމޭޓްކުރެވޭނެ ގޮތަށް ލޭޔަރުތައް ވަކިކުރެވިފައިވާ ލޯގޯއަކަށް ވާންޖެހޭނެ ކަމަށްވެސް އެ ކޮމިޓީން ބުނެފަވެއެވެ.
އެ ކޮމިޓީން ބުނިގޮތުގައި ލޯގޯ ހުށަހަޅަންވާނީ ކަނޑައެޅިފައިވާ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމް އަޕްލޯޑް ކުރުމުގައި މައްސަލައެއް ދިމާވެއްޖެނަމަ، ކޮމިޓީގެ ރަސްމީ އީމެއިލް wdc@kulhudhuffushicity.gov.mv އަށް ފޮނުވޭނެއެވެ. ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެންމެ ލޯގޯއެކެވެ.
- އެންޓްރީ ފޯމް އަދި ލޯގޯ ސްބަމިޝަން ލިންކް:https://forms.gle/pQHfauNvMcJM7ZxX9
މި ކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން 6527215 ނަންބަރު ފޯނާ ގުޅުއްވުމަށް ކުޅުދުއްފުށި ސިޓީ ޑަބްލިޔުޑީސީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!