ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ލިއޮނަލް މެސީ މިއަދު މުގުރާލައިފިއެވެ.

އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ 2-0 އިން މެޗު ކާމިޔާބުކޮށް މުބާރާތުގެ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.

Ad
rt

މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރެކޯޑު މުގުރާލަން މެސީއަށް ފުރުސަތު ލިބުނު ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ފަކޫނޯ މެދީނާ ދިން ޕާހެއް ތިއާގޯ އަލްމާޑާ ދޫކޮށްލުމުން، މެސީ ވަނީ ވަރަށް ހިތްގައިމު ގޮތަކަށް އާޖެންޓީނާއަށް ކުރިހޯދައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މެސީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ރެކޯޑު އިތުރަށް ފުޅާކޮށްފައެވެ.

މި ލަނޑުތަކާއެކު މެސީ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 18 ލަނޑު ހަމަކޮށްފައެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ 16 ލަނޑު ޖަހާފައިވާ ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އަތުގައެވެ. މެސީ މި ރެކޯޑު ގާއިމުކޮށްފައިވަނީ އޭނާގެ 39 ވަނަ އުފަންދުވަހަށް ދެ ދުވަހަށް ވެފައި ވަނިކޮށެވެ. މީގެ އިތުރުން މެސީ ވަނީ ވޯލްޑް ކަޕްގެ ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖެހި ތިންވަނަ ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެސީ މި ރެކޯޑު މުގުރާލާފައިވަނީ މެކްސިކޯގައި 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި މަރަޑޯނާ އޭނާގެ މަޝްހޫރު "ގޯލް އޮފް ދަ ސެންޗަރީ" ޖެހިތާ ބަރާބަރު 40 އަހަރު ފުރުނު ދުވަހުއެވެ. އެ އަހަރު އާޖެންޓީނާ ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

މި މުބާރާތުގައި މިހާތަނަށް އާޖެންޓީނާ ޖެހި ފަސް ލަނޑުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ. އަދި 2022 ވަނަ އަހަރު ސައުދީ އަރަބިއްޔާ އަތުން ބަލިވި މެޗަށްފަހު، އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން އަށް މެޗުން މޮޅުވެފައެވެ. އާޖެންޓީނާ ދެން ބައްދަލުކުރާނީ ގްރޫޕްގެ ފަހު މެޗުގައި އުރުދުންއާއެވެ. އޮސްޓްރިއާއަށް އަދިވެސް އަލްޖީރިއާ ބަލިކޮށްގެން އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.