ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި އެކި ކުޅުންތެރިންގެ ހިތްދަތި އަދި ކާމިޔާބު ވާހަކަތައް އަޑުއިވެއެވެ. އެއިގެ ތެރެއިން ވޮޒީނިއާ ނުވަތަ އެލޯއީ ރޫމް ފަދަ ކުޅުންތެރިންގެ ވާހަކަތަކަކީވެސް ފާހަގަކޮށްލެވޭ ވާހަކަތަކެކެވެ. ނަމަވެސް، އީރާނުގެ ގޯލްކީޕަރު އަލީރޭޒާ ބޭރަންވަންދުގެ ދިރިއުޅުމުގެ ވާހަކައަކީ މުޅި ދުނިޔޭގެ ސަޕޯޓަރުންގެ ލޯތްބާއި އިހުތިރާމް ހައްގުވާ، މާ ފުން އަދި މާ ޝައުގުވެރި ވާހަކައެކެވެ. މިއީ ހަމައެކަނި ކުޅިވަރުގެ ވާހަކައެއް ނޫނެވެ. މިއީ ނުގުޑާފަދަ އަޒުމަކާއި، ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ.
ނިކަމެތި ފެށުމަކުން އުއްމީދީ ހުވަފެނަކަށް
އަލީރޭޒާ އުފަންވީ އީރާނުގެ ލޮރެސްތާނުގެ ފަގީރު އަވަށެއްގެ އާއިލާއަކަށެވެ. އޭނާގެ ކުޑައިރުގެ ހުވަފެނަކީ ޕްރޮފެޝަނަލް ގޯލްކީޕަރަކަށް ވުމެވެ. ނަމަވެސް އާއިލާގެ މާލީ ހާލަތު ހުރިގޮތުން، އެމީހުންނަށް މި ހުވަފެނަކީ ހަގީގަތަކަށް ވެދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން އާއިލާގެ ފަރާތުން އެއްވެސް ތާއީދެއް އޭނާއަކަށް ނުލިބުނެވެ. އެހެންނަމަވެސް، އޭނާގެ އަޒުމަކަށް ބަދަލެއް ނައެވެ. ފުޓްބޯޅައިގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، އޭނާ އެކަނިމާ އެކަނި އާއިލާ ދޫކޮށް ވެރިރަށް ތެހެރާނަށް ދަތުރުކުރީ ހުސްއަތާއެވެ.
މަގުމަތީގެ ދިރިއުޅުމާއި ބުރަ މަސައްކަތް
ތެހެރާނަށް ދެވުނުއިރު އަލީރޭޒާގެ އަތުގައި ދިރިއުޅޭނެ ތަނެއް ނެތެވެ. އޭނާގެ ރޭތައް ހޭދަކުރީ މަގުމަތީގައާއި، ޕާކުތަކުގައެވެ. ބައެއް ފަހަރު ފުޓްބޯޅަ ކްލަބުތަކުގެ ބޭރުގައި ނިދައި، ދިރިއުޅުމަށްޓަކައި އެކި ކަހަލަ މަސައްކަތްތައް ކުރިއެވެ. އޭނާ ވަނީ ތަށި ދޮވުމާއި، ކާރު ސާފުކުރުމާއި، މަގު ކުނިކެހުމުގެ އިތުރުން ފޭރާން އުފައްދާ ފެކްޓްރީއެއްގައިވެސް މަސައްކަތް ކޮށްފައެވެ. މި ހުރިހާ ބުރަ މަސައްކަތެއް ކުރަމުންވެސް އޭނާގެ ހިތުގައި އޮތް ފުޓްބޯޅައިގެ ޝައުގުވެރިކަން ކުޑައެއް ނުވެއެވެ. ކޮންމެ ދުވަހަކީވެސް އޭނާގެ ހުވަފެނާ ގާތަށް ދިއުމަށް ކުރި މަސައްކަތެކެވެ.
އީރާނުގެ ގޯލްކީޕަރު އަލީރޭޒާ ބޭރަންވަންދު ބެލްޖިއަމް މެޗުގައި ގޯލެއް ސަލާމަތް ކުރަނީ
ދުނިޔޭގެ ސަމާލުކަން ހޯދުން
މި ހުރިހާ ތަހައްމަލުތަކަކަށްފަހު، އަލީރޭޒާ ވެގެންދިޔައީ އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރަށެވެ. އޭނާގެ ނަން މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީއެއް ދިފާއުކުރުމާ ގުޅިގެންނެވެ. އެއީ މަގުމަތީގައި ނިދި ކުއްޖަކު، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި ހޯދި ބޮޑު ކާމިޔާބީއެކެވެ. އަދި މިހާރުވެސް އޭނާ ދަނީ ހައިރާންކުރުވަނި މޮޅު ސޭވްތަކުން އީރާނުގެ ގައުމީ ޓީމަށް ކާމިޔާބީ ހޯދައިދެމުންނެވެ.
ސިޔާސީ ގޮންޖެހުންތަކާއި ގައުމީ ލޯބި
އީރާނުގެ ޓީމަށް ކުރިމަތިވެފައިވަނީ ހަމައެކަނި ދަނޑުމަތީގެ ގޮންޖެހުންތަކެއް ނޫނެވެ. ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ވިސާ ހޯދުމުގެ ދަތިތަކާއި، ދަތުރުފަތުރުގެ އުނދަގޫތައް އެމީހުން އުފުލަންޖެހެއެވެ. ބައެއް ފަހަރު މެޗު ފެށުމުގެ އެންމެ 24 ގަޑިއިރު ކުރިން އެމެރިކާއަށް ވަނުމުގެ ހުއްދަ ލިބޭ ހާލަތްތައްވެސް އާދެއެވެ. މީގެ އިތުރުން ގައުމުގެ އެތެރޭގެ ހަމަނުޖެހުންތަކާއި ބައިބައިވުންތަކުގެ ސަބަބުން ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެއެވެ. ނަމަވެސް، މި ހުރިހާ ކަމަކާއެކުވެސް އީރާނު ޓީމާއި އަލީރޭޒާ ދައްކުވައިދެނީ ސާބިތުކަމެވެ.
ނިކަމެތިކަމާއި، އުންމީދެއް ނެތް ހާލަތުން ތެދުވެ، ބޭއިންސާފާ ކުރިމަތިލައި ކާމިޔާބު ހޯދި މީހެއްގެ ވާހަކަ
އަލީރޭޒާ ބޭރަންވަންދުގެ ވާހަކައަކީ ނިކަމެތިކަމާއި، އުންމީދެއް ނެތް ހާލަތުން ތެދުވެ، ބޭއިންސާފާ ކުރިމަތިލައި ކާމިޔާބު ހޯދި މީހެއްގެ ވާހަކައެވެ. މިއީ އީރާނުގެ ރައްޔިތުން ކުރަމުންދާ ބޮޑު ތަހައްމަލުގެ ރަމްޒެކެވެ. ފުޓްބޯޅައަކީ ހަމައެކަނި ކުޅިވަރެއް ނޫންކަމާއި، އެއީ އުންމީދު ގެއްލިފައިވާ މީހުންނަށް އާ ދިރުމެއްދޭ ވަސީލަތެއްކަން މި ވާހަކައިން ސާބިތުވެއެވެ. އީރާނަށާއި އެ ގައުމުގެ ހިތްވަރުގަދަ ރައްޔިތުންނަށް ބަރަކާތް ލައްވާށިއެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!