ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ ޢާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިޙްސާސް ކުރުވި ކަމެއް ކަމަށެވެ.

ޝައިޚް އިސްމާޢީލް މުޙައްމަދަކީ ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވުމުގެ އިތުރުން، އެ މަނިކުފާނަކީ މިހާރުވެސް ޤައުމީ ޚިދުމަތުގެ އިސް ސަފުގައި ތިއްބެވި އެތައް ބޭފުޅެއްގެ އުސްތާޛެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިސްލާމީ ދާއިރާއިން ބައި ޤަރުނު އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ޝައިހު އިސްމާއިލް އަވަހާރަވެއްޖެ

ދީނީ ޢިލްމު ފެތުރުއްވުމުގެ އިތުރުން، ޝައިޚް އިސްމާޢީލް މުޙައްމަދަކީ ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި ޝާއިޢު ކުރެއްވުމުގައިވެސް ނަމޫނާ ބޭފުޅެކެވެ.

ދ. މީދޫއަށް އުފަން ޝައިޚަކީ ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ ކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

"އަޅުގަނޑުގެ އިޚުލާޞްތެރި ތަޢުޒިޔާ، މަރުހޫމް ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދުގެ ލޮބުވެތި ޢާއިލާއަށް ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.