ރާއްޖޭގެ އިސްލާމީ ތަޢުލީމާއި ތަރުބިޔަތަށް ބައި ޤަރުނަށްވުރެ ގިނަ ދުވަހު އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިސްމާޢީލް މުޙައްމަދު (މ. ޠައިބާ) އަވަހާރަވެއްޖެއެވެ.
ޝައިޚް އަވަހާރަވީ އުމުރުފުޅުން 85 އަހަރުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ދ. މީދޫއަށް އުފަން ޝައިޚް އިސްމާޢީލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. އޭގެ ކުރިން އިންޑިއާގެ ޖާމިޔާ ދާރުއްސަލާމްގައިވެސް ކިޔަވައިވިދާޅުވި ޝައިޚް ވަނީ މަޖީދިއްޔާ އާއި އަމީނިއްޔާ ސްކޫލްގައި މުދައްރިސެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައެވެ.
ޝައިޚް އިސްމާޢީލް މުޙައްމަދަކީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. އެގޮތުން ޕާކިސްތާނުގެ އެކި ޔުނިވަރސިޓީތަކުން 100 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވިއެވެ. މީގެ އިތުރުން މާލޭގައި 'މަދްރަސާ ޠައިބާ' އުފައްދަވައި، ގިނަ ދަރިވަރުންތަކަކަށް ދީނީ ތަޢުލީމާއި ޢަރަބި ބަސް އުނގަންނައިދެއްވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
ޢިލްމީ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ޝަރަފުތައް
ޢިލްމީ ދާއިރާއިން ޝައިޚް ވަނީ 40 އަށްވުރެ ގިނަ ފޮތް ޝާއިޢުކުރައްވާފައެވެ. މީގެ ތެރޭގައި ކީރިތި ޤުރުއާނުގެ ތަފްސީރު "އައް ތަފްސީރު މުޔައްސަރު" ގެ ދިވެހި ތަރުޖަމާ ފާހަގަކޮށްލެވެއެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފުވެސް ލިބިވަޑައިގަތީ އެމަނިކުފާނަށެވެ.
އަވަހާރަވިއިރު ޝައިޚް ގެންދެވީ ހުޅުމާލޭގައި ރިސަރޗް ލައިބްރަރީއަކާއެކު "މަސްޖިދު އުންމުލްމުއުމިނީން ޢާއިޝާ" ގެ ނަމުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިއީ އިސްލާމީ ދަޢުވަތު ފެތުރުއްވުމަށް އެމަނިކުފާނު ކުރެއްވި އެންމެ ފަހުގެ މުހިންމު އެއް މަސައްކަތެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޝައިޚް އިސްމާޢީލް މުޙައްމަދުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!