ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށްގެންދަން ނިންމާފައިވާ 2026/2027 ދިވެހި ޕްރިމިއާ ލީގަށް ނޯތު ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ ކޮލިފައި ވެއްޖެއެވެ.
މިއަދު ކުޅު މެޗުގައި ގްރީން ސްޓްރީޓާއި 2-2 ލަނޑުން އެއްވަރުވެ، ނޯތު ޗެމްޕިއަން ދިއްދޫ ދިވެހި ޕްރިމިއަލީގަށް ކޮލިފައިވީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.
މިހާރު ކުރިއަށްދާ ކޮލިފައިން ބުރުން ގަދަ ހަތަރު ޓީމް ދިވެހި ޕްރިމިއަލީގަށް ކޮލިފައިވާނެއެވެ.
ސެއިން ޑަންޖޫމާ ގުމްބާރީ ދިއްދޫ އަށް ލަނޑު ޖަހައިދިނުމަށްފަހު، ފޮޓޯ: އެފްއޭއެމް
ދިއްދޫ އަށް އަދި ބާކީ އެއް މެޗު އޮތްއިރު އެ ޓީމަށް ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. މި ކޮލިފައިންގައި ކުޅޭ ބިސް ބުރު ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބަށް ތިން މެޗުން، ކޮންމެ ޓީމަކަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. އެހެންވެ، މި ތިން ޓީމަށް ވެސް މިހާރު ވަނީ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުވެފައެވެ.
ބާކީ ޖާގަ އަށް ވާދަކުރަނީ ދެން މި ކޮލިފައިންގައި ވާދަކުރާ ސައުތު ރީޖަނަލްގެ ޗެމްޕިއަން ގައްދޫ އާއި ގްރީން ސްޓްރީޓެވެ. ގައްދޫ އަށް ތިން މެޗުން ތިން ޕޮއިންޓް، ގްރީން ސްޓްރީޓްސް އަށް ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ދެން މި ލީގުގައި ވާދަކުރާ ސެންޓްރަލް ލީގުގެ ޗެމްޕިއަން، ކ. ހުރާ އަށް ތިން މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ.
މިއަދުގެ މެޗުގައި ދިއްދޫ އަށް ގޯލްތައް ޖަހައިދިނީ ސެއިން ޑަންޖޫމާ ގުމްބާރީ އާއި ހުސައިން ރަޝީދެވެ.
ދިއްދޫގެ ސަޕޯޓަރުން މި މެޗުގައި ވެސް ވަނީ ނަމޫނާ ސަޕޯޓެއް ދީފައި، ފޮޓޯ: އެފްއޭއެމް
ދިއްދޫގެ މި ކާމިޔާބީ އާއި ގުޅިގެން އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ދިއްދޫ އަށް މަރުޙަބާ ކިޔައި ޓޮމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ފުޓްބޯޅައިގެ އެންމެ މަތީ ދަރަޖައިގެ، ދިވެހި ޕްރިމިއާ ލީގު 2026/27 އަށް ޕްރޮމޯޝަން ލިބުމުން ދިއްދޫ ސްޕޯޓްސް އަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ގައުމުގެ އެލައިޓް ކްލަބުތަކުގެ މެދުގައި ވާދަކުރަން ތައްޔާރުވަމުންދާއިރު، ދިއްދޫ ޓީމަށް ކާމިޔާބީ ލިބުމަށް އެދޭކަމަށް އޭނާ ވިދާޅުވެފަވެއެވެ.
ޕްލޭ އޮފްގައި ދިއްދޫގެ ފަހު މެޗުގައި ނުކުންނާނީ 24 ޖޫންގައި ބިސް ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މިއަދު މެޗު ކުޅުނު ވަގު މީގެ ކުރީގެ ދިއްދޫ މެޗުތަކެކޭ އެއްފަދައިން ދިއްދޫގެ ސަޕޯޓަރުންގެ ކިބައިން ވަނީ ޖޯޝްހުރި ވަރުގަދަ ސަޕޯޓެއް ފެނިފައެވެ.
ދިއްދޫގެ މި ކާމިޔާބީ އަކީ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދިޔަ ބޮޑު ޝަރަފަކާއި އުފަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!