ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރައްވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ދައުލަތުގެ އެކި ފަންތީގެ އިސްވެރިންނާއި މުއައްސަސާތަކުން ދަނީ ތައުޒިޔާ ފޮނުވަމުންނެވެ.

Ad
rt

ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. ރައީސް ވަނީ މި ހިތާމަވެރި ވަގުތުގައި މަރުޙޫމްގެ ޢާއިލާއަށާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.

ނިޔާވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތަކަށް މަސައްކަތް ކުރައްވާފައިވާ ބޭކަލެކެވެ. ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި އޭނާ ވަނީ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހު އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައެވެ.

ރައީސް މުޢިއްޒު ވަނީ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ލޮބުވެތި ޢާއިލާއަށް ސާބިތުކަމާއި ކެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.

މީގެ އިތުރުން، އެމްއެންޑީއެފުން ވެސް ވަނީ ޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. އެމްއެންޑީއެފްގެ ފަރާތުންނާއި ސިފައިންގެ ޗީފްގެ ނަމުގައި އޭނާގެ ޢާއިލާއަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.