ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް "ހދ. ފިނޭ ޕޮލިސް ސްޓޭޝަން" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

މިއަދު ފިނޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީ އެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސިނާން ޢަލީގެ އިތުރުން ރަށުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިނޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ބިނާކުރި މި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައިވަނީ 2025 އޯގަސްޓް 28 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެރަށަށްކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ފިނޭ ޕޮލިސް ސްޓޭޝަން ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހިންގާފައި ވަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

ފުލުހުންގެ ޚިދުމަތުން ވަނީ ފިނޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވުމަކީ އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކިށްފައެވެ.

މި ޕޮލިސް ސްޓޭޝަނާއެކު ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފުލުހުންގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.