2026 ވަނަ އަހަރު ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ސްކޫލް ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޖަވާހިރުލް ޤުރުއާން މުބާރާތް 1448" ގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި މުބާރާތަކީ ދަރިވަރުންނާއި އާންމުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމާއި، ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމުގެ ހުނަރު ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.
މުބާރާތުގެ ގޮފިތަކާއި އުމުރުފުރާތައް
މި މުބާރާތް ބަހާލެވިފައިވަނީ މައިގަނޑު ދެ ގޮތްޕަކަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފި އަދި ނުބަލާ ކިޔެވުމުގެ ގޮފިއެވެ. މުބާރާތުގައި 6 އަހަރުން ދަށުން ފެށިގެން 27 އަހަރުން މަތީގެ އުމުރުފުރާތަކަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަކޮށްގެން "ރަންތަރި" ގެ ނަމުގައި ވަކި ބައެއް ވަނީ ހިމަނާފައެވެ.
ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ދެވޭ އިނާމުތައް
މި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 26 އަހަރުން ދަށުގެ ކޮންމެ އުމުރުފުރާއަކުން 1 ވަނައަށް 2000 ރުފިޔާ، 2 ވަނައަށް 1500 ރުފިޔާ އަދި 3 ވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުޅި މުބާރާތުން ކޮންމެ ގޮތްޕަކުން 1 ވަނައަށް ހޮވޭ ބައިވެރިއަކަށް 10,000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
27 އަހަރުން މަތީގެ އުމުރުފުރާއިން 1 ވަނައަށް 5000 ރުފިޔާ ހުށަހަޅާފައިވާއިރު، "ރަންތަރި" ބައިގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ހިތްވަރު ދިނުމުގެ ގޮތުން 2000 ރުފިޔާ އާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބައިވެރިވުމުގެ ސުންގަޑި އަދި މުބާރާތް ބާއްވާ ތާރީޚް
މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18 ޖޫން 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 13:00 އަށް ހަނިމާދޫ ކައުންސިލް އިދާރާ އަދި ހަނިމާދޫ ސްކޫލުންނެވެ. މުބާރާތުގެ އުޞޫލާއި ފޯމު ކައުންސިލްގެ ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މުޅި މުބާރާތް ކައުންސިލްގެ ފަރާތުން ވިލަރެސް ކުރައްވާނީ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!