އަނބިމީހާ ރާއްޖެ ގެނެސް ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް ކޯޓުން މުއްދަތު ޖަހައިފިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ.

Ad
rt

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ނަހީދުލް އިސްލާމްގެ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން، އޭނާ ލައްވައި ހަށިވިއްކުމުގެ ކަންކަން ކުރުވާކަމުގެ މަޢުލޫމާތު އެ އަންހެން މީހާގެ ފަރާތުން ލިބިފައިވާކަމަށް މައްސަލަ ތަޙުޤީޤުކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައި.އޯ) ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލާގައި ފުލުހުން ނަހީދުލް އިސްލާމްގެ މައްޗަށް މައިގަނޑު ގޮތެއްގައި ކުރަނީ ހިއުމަން ޓްރެފިކްކުރުމުގެ ތުހުމަތެވެ.

މި މައްސަލައާ ގުޅިގެން ބޭއްވި ބަންދުގެ މުއްދަތު ޖެހުމުގެ މަޖިލީހުގައި ނަހީދުލް އިސްލާމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ އާއި ހެކިބަހަށް ނުފޫޒު ފޯރުވަފާނެތީ، ކޯޓުން ނިންމީ އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

ކްރިމިނަލް ކޯޓުން އޭނާ 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.