'ވިޒިޓް މޯލްޑިވްސް' ބްރޭންޑްގެ ދަށުން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ބޭނުންވާ ތަފާތު އުފެއްދުންތައް މާކެޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ފުރުޞަތު ހުޅުވާލައިފިއެވެ.
މިފުރުސަތު ހުޅުވާލަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް (ވީއެމްކޭއެލް) ބުނިގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށާއި ރާއްޖެއައުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދިވެހި ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
މިގޮތުން ހުށަހަޅާ ތަކެތި މާކެޓް ކުރުމަށް ހަމަޖެހިފައިވަނީ ވިޒިޓް މޯލްޑިވްސް އާއި އުފެއްދުންތެރިން ގުޅިގެންނެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސެޝަނެއް 15 ޖޫން ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ހ. ޒޮނޭރިޔާ ބިލްޑިންގްގެ 4 ވަނަ ފަންގިފިލާގައި ހުންނަ އެ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު ހިމަނަންޖެހޭ މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި ހުށަހަޅާ ފަރާތުގެ ތަފްޞީލާއި، އައިޑީ ކާޑު ކޮޕީގެ އިތުރުން، އުފައްދާ ތަކެތީގެ ތަފްޞީލު ހިމަނަންޖެހެއެވެ. މީގެ ތެރޭގައި އުފެއްދުމަށް ބޭނުންކުރާ މެޓީރިއަލް، ތިމާވެއްޓާއި ރައްޓެހި މިންވަރު، ޑިޒައިން ނުވަތަ ފޮޓޯ، އަދި ސަޕްލައި ކޮށްދެވޭނެ އަދަދާއި އަގު ހިމެނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 20 ޖޫން 2026 ވަނަ ދުވަހުގެ 14:00 އެވެ.
ޕްރޮޕޯސަލްތައް business.development@visitmaldives.com އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން samaah@visitmaldives.com އަށް އީމެއިލް ކުރުމަށް ވިޒިޓް މޯލްޑިވްސް އިން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!