އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފުރިހަމަ ތާއީދާއެކު، އެމެރިކާގެ އައީވާ ސްޓޭޓްގެ ގަވަރުނަރު ކަމަށް ކުރިމަތިލެއްވުމަށް ޕްރައިމަރީގައި ވާދަކުރެއްވި ރޭންޑީ ފީންސްޓްރާއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވުނު މި ފޯރިގަދަ ޕްރައިމަރީގައި، ތިން ދައުރު ކޮންގްރެސް މެންބަރުކަން ކުރައްވާފައިވާ ފީންސްޓްރާ ބަލިވީ ދަނޑުވެރިއެއްގެ އިތުރުން ވިޔަފާވެރިއެއް ކަމަށްވާ ޒެކް ލާންއާ ވާދަކޮށެވެ. ފީންސްޓްރާއަކީ ޓްރަމްޕަށް ވަރަށް ބޮޑަށް ވަފާތެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް، އިންތިޚާބުގެ އެންމެ ފަހު ވަގުތު ޓްރަމްޕް ދެއްވި ތާއީދުން އޭނާއަށް ކާމިޔާބީއެއް ނުލިބުނެވެ.
މި އިންތިޚާބު ކާމިޔާބުކުރެއްވި ޒެކް ލާންގެ ކެމްޕޭން ބިނާކޮށްފައިވަނީ ޓްރަމްޕްގެ ސިޔާސަތުތަކާ އެއްގޮތް ޝިއާރުތަކެއްގެ މައްޗަށެވެ. އެގޮތުން "މޭކް އައީވާ ހެލްތީ އެގެއިން" އަދި "އައީވާ ފަސްޓް" ފަދަ ޝިއާރުތައް އޭނާ ބޭނުންކުރެއްވިއެވެ. ލާން ބޮޑަށް ވަކާލާތު ކުރެއްވީ ބޭރުގެ ފަރާތްތަކުން އައީވާގެ ބިންތައް ގަތުން ހުއްޓުވުމަށާއި، ދުނިޔޭގެ ނުފޫޒުގަދަ "އެލީޓުންނާ" ދެކޮޅަށެވެ. އޭނާއަށް ކޮންޒަވޭޓިވް ގްރޫޕެއް ކަމަށްވާ "ޓާނިންގ ޕޮއިންޓް ޔޫއެސްއޭ" އާއި އައީވާގެ އާންމު ރައްޔިތުންގެ ބޮޑު ތާއީދެއް ލިބުނެވެ.
މި ނާކާމިޔާބީއާ ޓްރަމްޕަށް ކުރިމަތިލާން މިޖެހުނީ، އޭނާގެ ސިޔާސީ ނުފޫޒު ގަދަވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ކުރިން ކެންޓަކީގެ ތޯމަސް މާސީ އާއި ސެނެޓަރ ބިލް ކެސިޑީ ފަދަ ބޭފުޅުން ޓްރަމްޕްގެ ތާއީދާއެކު ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. ނަމަވެސް، އައީވާގައި ޓްރަމްޕަށް އޮތް ތާއީދު ކުޑަވަމުންދާކަމަށް ފަހުގެ ދިރާސާތަކުން ދައްކައެވެ. ޔޫގަވް އާއި އިކޮނޮމިސްޓް ގުޅިގެން ކުރި ސާވޭއެއްގައި ޓްރަމްޕްގެ މަގުބޫލުކަން އައީވާގައި ވަނީ -20 އިންސައްތައަށް ވެއްޓިފައެވެ.
އައީވާގެ ރައްޔިތުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ކުޑަވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އޭނާގެ ވިޔަފާރީގެ ސިޔާސަތުތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބުނު ގެއްލުންތައް ހިމެނެއެވެ. މީގެ އިތުރުން، އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ގަހުލުގެ އަގު އުފުލި، އާންމު ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމަކީ ވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުނު ކަމެކެވެ. އަދި ހަމައެއާއެކު، ޓްރަމްޕްގެ ސަރުކާރުން ސިޔާސީ ތަހުގީގުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމަށް އުފައްދަން އުޅުނު 1.8 ބިލިއަން ޑޮލަރުގެ ފަންޑު ހުއްޓާލުމުން ވެސް އޭނާއަށް ވަނީ ދާޚިލީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގަވަރުނަރު ހޮވުމުގެ ރަސްމީ އިންތިޚާބުގައި، ޒެކް ލާން ވާދަކުރައްވާނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ރޮބް ސޭންޑްއާއެވެ. އައީވާގައި ރިޕަބްލިކަން ޕާޓީގެ ތެރޭގައި އުފެދިފައިވާ މި ބައިބައިވުމުގެ ސަބަބުން، ޑިމޮކްރެޓުންނަށް މި ގޮނޑި ކާމިޔާބުކުރުމުގެ އުންމީދު މިހާރު ވަނީ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!