ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް މިއަދު އިންތިހާބުކޮށްފިއެވެ.
ޖޭއެސްސީން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް ޝަހީދު އިންތިހާބުކުރިކަން ރަސްމީކޮށް އިއުލާންކޮށް، އޭނާ އަށް މަރުޙަބާ ކިޔާފައެވެ.
ފަނޑިޔާރު ޙުސައިން ޝަހީދަކީ ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލްކުރައްވާ ފަނޑިޔާރެވެ. އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ.
ޙުސައިން ޝަހީދަކީ ކުރިން ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
We would like to congratulate Justice Hussain Shaheedh for being elected as the Vice Chair of JSC. pic.twitter.com/qB3NmYXiAl
— Judicial Service Commission (@MaldivesJSC) June 3, 2026
އޭނާ ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ އަދި ޖޫރިޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.
ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުޙައްމަދު، މިއަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާ އާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ބާރުތަކާއި މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ މުއައްސަސާއެކެވެ. މި ކޮމިޝަނުގެ މައިގަނޑު އެއް ޒިންމާއަކީ އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި، އެހެނިހެން ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމުގެ ކަންކަން ބެލެހެއްޓުމެވެ.
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމުގެ ގޮތުން، ފަނޑިޔާރުންނާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މަޤާމުން ވަކިކުރަންޖެހޭ ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީވެސް މި ކޮމިޝަނުގެ މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން ފަނޑިޔާރުންގެ ވަޒީފާއާ ގުޅޭ ގަވާއިދުތައް ހަދައި، ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ހިންގުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ލަފާދިނުން ހިމެނެއެވެ.
ޖޭ.އެސް.ސީ އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އާ ގުޅިގެން ޝަރުޢީ ދާއިރާގެ ތަމްރީނު ޕްރޮގްރާމްތައް ރޭވުމާއި، ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ކަންކަމާއި، ކޯޓުތަކަށް ބޭނުންވާ ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމުގައި މަޝްވަރާދެއެވެ. އަދި މައްސަލަތައް ނުނިމި ލަސްވާ ދާއިރާތަކަށް ޝަރުޢީ ވަފުދުތައް ފޮނުވުމާއި، ކޯޓުތައް ހިންގުމުގެ އުސޫލުތައް އެކުލަވާލުމުގައިވެސް މި ކޮމިޝަނުން އިސް ދައުރެއް އަދާކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!