ލުބުނާނުގެ ވެރިރަށް ބައިރޫތަށް ދެމުންދިޔަ ވައިގެ ހަމަލާތައް އިޒްރޭލުން މެދުކަނޑާލާފައިވާ ކަމަށް އިޒްރޭލުގެ ރަސްމީ މީޑިއާ، ކާން އިން ރިޕޯޓްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ އީރާނުން ދިން ވަރުގަދަ އިންޒާރުތަކަކާއި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ކުރެވުނު ފޯނު ކޯލަކަށް ފަހުގައެވެ.

Ad
rt

އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބައިރޫތުގެ ދެކުނު ސަރަހައްދުތަކުގައިވާ ހިޒްބުاللهގެ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް، މިހާރު އެ ހަމަލާތައް ދިނުން މަޑުޖައްސާލާފައިވާ ކަމަށް ހީބްރޫ ބަހުން ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ.

އީރާނުން ވަނީ އިޒްރޭލުގެ އަމަލުތަކާ ގުޅިގެން އެމެރިކާއާއެކު ކުރިއަށްދިޔަ ސުލްހައިގެ މަޝްވަރާތައް މެދުކަނޑާލައި، އިޒްރޭލުން ހަނގުރާމަ ކުރިއަށްދާނަމަ ދުނިޔޭގެ އިގްތިސާދީ އެއް މައި ދެ މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އާއި ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެއާއެކު ވަގުތުން ވަނީ ދުނިޔޭގެ ތެލުގެ އަގު މައްޗަށް އަރާފައެވެ.

އީރާނުގެ އިންޒާރާއި ގުޅިގެން ޓްރަމްޕް ވަނީ ވަގުތުން ނަތަންޔާހޫ އަށް ގުޅައި ލުބްނާނަށް ބޮންއެޅުން ހުއްޓާލަން އެދިފައެވެ. މީގެ އިތުރުން، ނަތަންޔާހޫ އާއި ޓްރަމްޕްގެ ފޯނު ކޯލުގައި މަޝްވަރާ ކުރެވުނީ މަސްރަހު އިތުރަށް ގޯސްވިޔަ ނުދީ ހިފެހެއްޓުމާ ގުޅޭގޮތުންނެވެ.

އިޒްރޭލުން ލުބްނާނަށް ދެމުންދިޔަ ހަމަލާތަކަކީ އެޕްރީލް މަހު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ ރޫހާ ޚިލާފަށް ދޭން ފެށި ހަމަލާތަކެކެވެ. ބައިރޫތަށް ދިން ހަމަލާތަކުގައި ހިޒްބުاللهގެ އިސް ބައެއް ވެރިންނަށް އަމާޒުކޮށްފައިވެއެވެ.

އިޒްރޭލުގެ ސަލާމަތީ ދާއިރާތަކުން މިހާރު މަސައްކަތް ކުރަމުންދަނީ މަސްރަހު ފިނިކުރުމަށެވެ. ނަމަވެސް، ހާލަތު ބަދަލުވަމުންދާ ގޮތުން އިޒްރޭލު ސިފައިންނާއި ސަރުކާރުގެ ރަސްމީ ބަޔާންތަކަށް ސަމާލުވުމަށް މީޑިއާތަކުން ބާރުއަޅައެވެ. މި ވަގުތު ހަމަލާތައް މަޑުޖައްސާލާފައި އޮތް ނަމަވެސް، ހިޒްބުالله އާއި އީރާނުގެ އިންޒާރުތަކާއެކު މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކޮށެވެ.