ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ މިހާތަނަށް ކުރެއްވި އެއްވެސް އަމިއްލަފުޅު ދަތުރުފުޅަކަށް ދައުލަތުގެ ނުވަތަ ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ހަރަދު ކުރައްވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއް ނަމަވެސް، އެމަނިކުފާނު އެ ހުއްދައިގެ ބޭނުން ނުކުރައްވާ ކަމަށެވެ.

Ad
rt

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޗުއްޓީ ދަތުރުފުޅުތަކުގައި ވެސް ރަސްމީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވަން ޖެހިވަޑައިގަންނަވާތީ، ރައީސް އޮފީހުގެ މުވައްޒަފަކު ގެންދަވާ ކަމަށެވެ. އަދި ބައެއް ފަހަރު އެ މުވައްޒަފުގެ ދަތުރުގެ ހަރަދުތައް ވެސް ބަލަހައްޓަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑު މި މަގާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އަމިއްލަ ދަތުރެއް އެއްވެސް ދަތުރެއް، އެއްވެސްކަމެއްކަމެއްގައި އަޅުގަނޑުގެ، އަޅުގަނޑުގެ ޢާއިލާކަމެއްގައި ރައްޔިތުންގެ އެއްވެސް ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއްނުވާނެ'' ރައީސް ވިދާޅުވެފަވެއެވެ.

ކުރީގެ ވެރިންގެ ދަތުރުފުޅުތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކުރީގެ ބައެއް ރައީސުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކަށް މިހާރު ވެސް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާ ކަމަށެވެ. އެކަން އެނގެނީ ސަރުކާރަށް އެ ބިލުތައް އަންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ބޮޑު އީދު ބަންދުގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ފެތުރެމުންދާ އަޑުތައް ރައީސް ވަނީ ދޮގުކުރައްވާފައެވެ. އެ ދަތުރުފުޅަކީ މަޖިލީހުގެ އެއިރުގެ ނައިބު ރައީސް އަހްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައަކާ ގުޅިގެން ކުރެއްވި ދަތުރެއް ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ މާ ކުރިންސުރެ އާއިލާއާއެކު ރާވާފައި އޮތް އަމިއްލަ ދަތުރުފުޅެއް ކަމަށެވެ.